ޚަބަރު
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ދައުލަތުން އިސްތިއުނާފު ކުރަނީ
ކުރީ ސަރުކާރުން ގޯތި ދިނުމަށާއި ފްލެޓް އެޅުމަށާއި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރާ ގޮތަށް ހިއްކަން ފެށި ގުޅިފަޅުގެ ބިން ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ކުރި އަމުރު ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

މި ވަގުތީ އަމުރު ނެރެފައި ވަނީ ގުޅީފަޅު ޕޯޓު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގުޅީފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ ސަރުކާރުން 2020ގެ ޖޫންގައި ފެށުމުން، އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވައިދިނުމަށް އެދި ސިިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، ނެރެދޭން އެދުނު ވަގުތީ އަމުރު އެ ކޯޓުން ނެރެ ނުދިނުމުން، އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. 

މި މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ މަސައްކަތް ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ސަރުކާރުން ބިން ހިއްކާ ކުންފުންޏަށް ތިން ލައްކަ ޑޮލަރު (4.6 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށެވެ.

ގުޅިފަޅު ހިއްކުން ހުއްޓުވަން ހައިކޯޓުން އަމުރު ނެރުނީ، ސިވިލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް އިއްވަންދެން ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ޖެހޭ ކަމަށެވެ. އެ ކޯޓުން މި އަމަރު ނެރުނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ނުފެންނަ ކަމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކުރަން ހުށަހެޅުމުންނެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ.

ގުޅިފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑު އަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއް ކަމުގައިވާ “ހާންސްހާސް ޕްލޭސް” ނުވަތަ “ކިކި ރީފް” ފަނާވެގެންދާނެ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ.

އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅިފަޅު މަޝްރޫއުއަކީ ބޮޑު ބައި ނިމިފައިވާ، އެތައް ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއެއް ކަމަށެވެ.

"ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު މިހާރު ނިމިފައިވާއިރު، މި މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ،" އުޝާމް ވިދާޅުވި އެވެ.

"ދައުލަތުގެ ފަރާތުން މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ވަނީ ނިންމާފައި."

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު