ޚަބަރު
އިންތިހާބާ ބެހޭ ބިލު ތަސްދީގު ކުރާނީީ އޭޖީގެ ލަފާ ލިބުމުން: ރައީސް
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން އެ ބަދަލުގެ ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ބަންޑާރަ ނައިބުގެ ގާނޫނީ ލަފައަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ހަވާލާާދީ، ރައީސް ވިދާޅުވީ ޖުމްލަ މެންބަރުންގެ އަދަދު 80 އިން ނުގުނޭ ކަމަށެވެ. ނަމަވެސް އިންތިހާބެހޭ ގާނޫނަށް ގެނައި އިސްލާހު ދެ ވަނަ ފަހަރަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަަދަދު،87 މެންބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑު އަގުލަބިއްޔަތުގެ ތާއީދާ އެކު އެވެ.

އިއްްޔެ އެ ބިލް ފާސްކުރީ 47 މެންބަރުންގެ ތާއީދާ އެކު އެވެ

ރައީސް ވިދާޅުވީ ރާއްޖޭގައި ގާނޫނީ ވެރިކަން ހިނގަން ޖެހޭނެ ކަމަށާއި މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް ނުރަސްމީކޮށް އެދުނީމާ ދެންނެވިން އަޅުގަނޑު އެދެމޭ ތިޔަ ބޭފުޅުންނަށް ވާން އޮތިއްޔާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވަންޏާ ރޯދައިގެ ކުރިން އިންތިހާބު ބާއްވާށޭއެ،" ރައީސް ވިދާޅުވި އެވެ. "އެއް ދުވަސް ކުރިން ވިޔަސް ބާއްވާށޭ. ދެން އެ ބޭފުޅުން އެދުނީ މަޖިލީހުގައި."

"ލަފާ ލިބެނީ އިއްޔެ ނިންމި ނިންމުން, 80 މެމްބަރުންނަކީ މަޖިލީހުގެ އަދަދު ނޫން ކަމާ އަސްލު އޮންނަ 87 ކަމަށް ނިންމި ނިންމުމާ އެއްގޮތަށް ނޫން ގޮތަށް އެއީ ތަސްދީގު ކުރަން ޖެހޭ އެއްޗެއް ކަމަށް ލަފާ ލިބިއްޖިއްޔާ ވަގުތުން ތަސްދީގު ކޮށްލާނަން," އެކަމާ ގުޅޭގޮތުން ނިންމާނެ ނިންމުމާ މެދު ރައީސް ވިދާޅުވި އެވެ.

ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު