ޚަބަރު
ބްރޯޑްކާސްޓިން ނެޓްވޯކް ތަރައްގީކުރުމަށް ޖަޕާނުން 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވާކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާނު ސަރުކާރުން އިތުރު 3.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހިލޭ އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ޓަކެއުޗީ މިޑޯރީ އެވެ.

ދިރާގު ޓެރެސްޓްރިއަލް ޓެލެވިޝަން ބްރޯޑްކާސްޓިން ޕްރޮޖެކްޓް (ޑީޓީޓީބީ) ގެ މަގުސަދަކީ މައުލޫމާތު ފޯރުކޮށްދިނުމާއި ލިބިގަތުމުގައި ރާއްޖޭގެ އެކި ރަށްތަކުގެ މެދުގައި ހުރި ފަރަގު ކުޑަކޮށް، މުވާސަލާތީ ވަސީލަތްތައް ތަރައްގީކުރުމެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ކުރިއެރުމަށް ބޮޑެތި އެހީތައް ވެދެއްވަމުން ގެންދަވާ ޤައުމެއްކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު މިއެއްބަސްވުމުން މިކަން ދޭހަވާ ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގެ ސޯޝިއޯ-އިކޮނޮމިކް ޕްރޮޖެކްޓުތަކަށް ޖަޕާނު ސަރުކާރުން ވެދެއްވާ އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އައު ހަރުފަތަކަށް އެރުވުން." މިނިސްޓަރު ވިދާޅުވި އެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވީ މިއީ މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖެއާއެކު ވެވޭ ފުރަތަމަ އެއްބަސްވުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން 3 ލައްކައަށްވުރެ ގިނަ މީހުންނަށް، ކާރިސާތަކާއި ހާދިސާތަކުގެ ދަނޑިވަޅުތަކުގައި ޚަބަރާއި މަޢުލޫމާތު ލިބިގަތުމަށް ފަސޭހަވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

"މިސަރުކާރު ހަވާލުވުމަށްފަހު މިއީ ޖަޕާނާއެކު ވެވޭ ފުރަތަމަ އެއްބަސްވުން. މި އެއްބަސްވުމުން ދެ ޤައުމުގެ ގާތް ގުޅުން ދޭހަކޮށްދޭ. މި ޕްރޮޖެކްޓުން 3 ލައްކައަށްވުރެ ގިނަ މީހުންނަށް ކާރިސާތަކާއި ހާދިސާތައް ދިމާވާއިރު ރަށްރަށުގައި ތިބެގެން ޚިދުމަތް ނުކެނޑި ޚަބަރާއި މަޢުލޫމާތު ލިބިގަނެވޭ ނިޒާމެއް ޤާއިމުކުރުމުގައި ފަސޭހަވާނެ." ޓަކެއުޗީ މިޑޯރީ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީއާއި އެހެން ބައެއް މިނިސްޓްރީތަކާއި އޮތޯރިޓީތައް އަދި ޖަޕާނު އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު