ޚަބަރު
ޖަޕާނުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް
ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެހީ އާއި ގުޅޭ އެއްބަސްވުންތަކުގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.

ސޮއިކުރި ހަތަރު އެއްބަސްވުމަކީ:

ޖަޕާނުގެ އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓްގެ މައްޗަށް ބިނާކޮށް ކަސްޓަމްސް ޕެޓްރޯލް ކްރާފްޓް ފޯރުކޮށްދިނުން.

މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީގެ ޤާބިލްކަން އިތުރުކުރުމުގެ ޕްރޮޖެކްޓް ހިންގުމަށް 260 މިލިއަން ޖަޕަނީޒް ޔެންގެ ހިލޭ އެހީ ދިނުން.

އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް، ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ޒަރިއްޔާއިން ރާއްޖޭގެ ނޭޝަނަލް ރެސްޕޮންސް ކެޕޭސިޓީ ޓު ހައި ފްރިކުއެންޓް ނެޗުރަލް ހަޒާޑްސް ހަރުދަނާކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް 600 މިލިއަން ޖަޕަނީސް ޔެން ދިނުން

އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ޕެޓްރޯލް ކުރާ އުޅަނދުފަހަރު ހިންގުމަށް ބޭނުންވާ އިކުއިޕްމަންޓް ޕްރޮވިޝަން ކުރުމަށް 56 މިލިއަން ޖަޕަނީސް ޔެން ދިނުން.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވަނީ ޖަޕާނުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މި އެއްބާރުލުން ދިނުމުގެ މުހިންމު ކަމަށް ވިދާޅުވެފައެވެ. ޖަޕާނާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި ވާ ގާތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވީ މިއެހީގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެކަމަށް ޚާއްސަ އުޅަނދެއް ހަދިޔާކުރުން ހިމެނޭ ކަމަށެވެ. އަދި މިއުޅަނދަށް ބޭނުންވާ އެންމެ ޒަމާނީ އާލަތްތަވެސް މިއެހީގެ ދަށުން ހަދިޔާ ހޯދައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

"ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަމަށްވާއިރު، މިސަރަހައްދު ބެލެހެއްޓުމަކީ މުހިންމުކަމެއް، މިއީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމެއް، މިކަމަށް އެހީވުމަށް 25 މީޓަރުގެ އުޅަނދަކާއި، އެއަށް ބޭނުންވާ ސަމާނު ކަސްޓަމްސްއަށް ދިނުމަށް މިވަނީ ނިންމާފައި،" ސަފީރު ވިދާޅުވި އެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާލީ ވުޒާރާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު