ދުނިޔެ
ބަންގްލަދޭޝްގައި ޢިމާރާތެއްގެ ރޯވެ 46 މީހުން މަރުވެއްޖެ
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އަވަށެއްގެ ހަތް ބުރީގެ އިމާރާތެއްގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 46 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.

އަލިފާންގަނޑު ނިއްވައިލެވުނީ ދެ ގަޑިއިރުގެ މަސައްކަތުންނެވެ. މި ހާދިސާގައި ފިހުނު 22 މީހަކު ހަސްފަތާލުގައި އެޑްމިޓު. ކޮށްގެން ފަރުވާދެމުންދާ ކަމުގައި ހެލްތް މިނިސްޓަރ ޝަމުންތޮ ލާލް ޝެން ވިދާާޅުވި އެވެ. "އެ 22 މީހުންގެ ހާލު ސީރިޔަސް. އެ މީހުންގެ ފުރާނަ ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ދަނީ ކުރަމުން،" ލާލް ޝެން ވިދާޅުވި އެވެ.

ބޮޑުވަޒީރު ޝައިޚް ހަސީނާ ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުމާއި ހިތާމަ ފާޅު ކުރައްވާފަ އެވެ. އަދި, މި ހާދިސާގައި ފިހިގެން ޒަަހަމުވެފައިވާ މީހުން ފަރުވާ ދިނުމުގެ ކަންކަން އަވަސް ކުރުމަށް ގޮވައިލައްވާފަ އެވެ. މި ހާދިސާ ތަހުޤީޤު ކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ފަސް މެންބަރުންގެ ޕެނަލެއް އެކުލަވައިލާފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޒުވާން އުމުރުފުރައިގެ ގިނަ ޢަދަދެއްގެ ކުދިން ހިމެނެއެވެ. މަރުވި މީހުންގެ ތެރޭގައި ބައެއް އާއިލާތަކުގެ ގިނަ އަދަދެއްގެ މެންބަރުން ހިމެނެ އެވެ. 

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީން ވަނީ ސަރުކާރަށް ފާޑު ކިޔުން އަމާޒު ކޮށްފައެވެ. "މި ފަދަ ހިމާތަވެރި ހާދިސާތަކާއި ކާރިސާތަކުގައި މީހުންގެ ފުރާނަ ގެއްލެނީ ސަރުކާރުގެ ނާގާބިލު ކަމުން. ސަރުކާރުން ޢާންމު ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ. ނަމަވެސް, އެ ކަމެއް ނުވޭ. އެއްވެސް ހަމައެއްލަމައެއް ނެތް ސަރުކާރެއް މިއީ،" ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ސެކްރެޓަރީ-ޖެނެރަލް މިރްޖާ ފަޚްރުލް އިސްލާމް އަލޮމްގީރް ވިދާޅުވި އެވެ.

2012 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާއި, އެއާ ޖެހިގެން އައި އަހަރު ހިނގި އިމާރާތެއް ވެއްޓުނު ހާދިސާއަކާ ގުޅިގެން, އެ ގައުމުގައި މި ފަދަ ހާދިސާތަކާ ގުޅޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ. އެ ދެ ހާދިސާގައި 1,200 އެއްހާ މީހުން މަރުވިއެވެ. ބަންގްލަދޭޝަކީ, އަންނައުނުގެ ވިޔަފާރި ކުރާ ނަން ހިނގާ ގިނަ ޢަދަދެއްގެ ކުންފުންޏެއްގެ ކާރުޚާނާތައް ހިންގާ ގައުމެކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު