ޚަބަރު
ބަޔާން ބާތިލް ކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް: ކެނދިކުޅުދޫ ކައުންސިލުން
ކެނދިކުޅުދޫ ކައުންސިލުގެ މެމްބަރުން އަނގަމަތީގައި ޓޭޕު އަޅައިގެން.
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބެހޭ ގޮތުން ކެނދިކުޅުދޫ ކައުންސިލުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ، އެ އެންގުން ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގިޔަސް އެކަން އެގޮތަށް ނުކުރަން އެ ކައުންސިލުން ނިންމައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލްގެ ރުހުން ނެތި، ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިވަފާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމަށް ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށްވެފައި ކައުންސިލްތަކަށް ލިބިދީފައިވަނީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ އަދި ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭން ވާނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަމަށެވެ.

އެހެން ކަމުން ރައީސްގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެވުންޔަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ. 

އެލްޖީއޭއިން ކެނދިކުޅުދޫ ކައުންސިލަށް އަންގާފައި ވަނީ މިއަދު މެންދުރު 2:00 ގެ ކުރިން އެ ބަޔާން ބާތިލު ކުރުމަށެވެ.

ނަމަވެސް ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުހައްމަދު ރައުފް ވިދާޅުވީ، އެ ކައުންސިލަށް ލިބިފައިވާ ގާނޫނީ ލަފަޔާއެކު ކައުންސިލް މެމްބަރުން ނިންމީ ބަޔާން ބާތިލު ނުކުރުމަށް ކަމަށައި، އެގޮތަށް ނިންމީ ބަޔާން ބާތިލު ކުރަން ޖެހޭނެފަދަ ގާނޫނީ ސަބަބެއް އެލްޖީއޭއަށް ބުނެދެވިފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑުމެން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން އެލްޖީއޭގެ އެ އެންގުމެއް. އެހެންވެ، އެކަމާ ދެކޮޅު ހެދުމަށް އިހްތިޖާޖް ކުރީ،" ކައުންސިލް މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީ މެޖޯރިޓީ އޮންނަ އެ ކައުންސިލްގެ ހުރިހާ މެމްބަރުން އަނގަމަތީގައި އެޅުއްވި ޓޭޕުގައި "އެލްޖީއޭ" ލިޔެފައި އޮތެވެ. އަދި މެމްބަރުން ވަނީ އިހްތިޖާޖްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު