ޚަބަރު
ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ދ. ކުޑަހުވަދުއަކީ މި ސަރުކާރުން ތަރައްގީ ކުރަން ނިންމައިފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރު ތަރައްގީ ކުރަން ނިންމާފައިވާ ރަށް ކަމަށާއި އެ ރަށުގައި ވިޔަފާރި ބަނދަރެއް ވެސް ހަދާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

މިއަދު ތިން އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ރައީސްވަނީ ކުޑަހުވަދުއަށް ވަޑައިގެންފައެވެ. އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދެކުނުގެ ހަތަރު އަތޮޅެއް މަތީ ފަންތީގައި ތަރައްގީކުރާ ފަދައިން އުތުރުގެ ހަތަރު އަތޮޅެއް އިންޓަގްރޭޓެޑް ޒޯންތަކެއްގެ ގޮތުގައި ތަރައްގީކޮށްދޭނެ ކަމަށެވެ.

އެއަށްފަހު ބާކީ ސަރަހައްދުތަކުގައި ހަތް އާބަން ސެންޓަރެއް ތަރައްގީކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ތަންތަން ވެގެންދާނީ އެ ތަންތަނުގައި އެންމެ މަތީ ފެންވަރުގައި ހުރިހާ ޚިދުމަތެއް ގާއިމްވާ ތަންތަނަށޭ،" ރައީސް ވިދާޅުވި އެވެ.

މި ތަންތަނަކީ ތައުލީމާއި ސިއްހީ ޚިދުމަތާއި ވަޒީފާގެ ފުރުސަތާއި އެހެނިހެން ކަންކަން ވެސް އެންމެ ފުރިހަމައަށް ގާއިމްވެފައި ހުންނާނެ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުސްތަގްބަލުގައި އެހެން ކުދި ރަށްރަށުން ރައްޔިތުން އަމިއްލަ އިޚްތިޔާރުގައި ހިޖުރަކުރާނެ ތަންތަންކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ އެ ގޮތުން ބަލާއިރުގައި މި ދެންނެވި ހަތް އާބަން ސެންޓަރުގެ ތެރެއިން ކުޑަހުވަދޫއަކީ އެއް ތަން ކަމަށް މިއަދު އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުން،" ރައީސް ވިދާޅުވި އެވެ.

"އެއީ ސަރަހައްދީ ތަރައްގީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްގީ އާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފްހޫމެއް. އެކަމަށްޓަކައި މެދު ރާސްތާގެ އަމާޒުތަކަކާއި ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅާލެވޭނެ" ރައީސް ނޮވެމްބަރު 17، 2023 ގައި ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު