ވިޔަފާރި
އެމްޕީއެލާއި ޓާކިޝް އެއާލައިން އެއްބަސްވުމަކަށް
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން އަލަށް ފަށާ "ސީޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)އާއި ޓާކިޝް އެއާލައިންސް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އާއެކު ފަހުމުނާތަކެއްގައި ރޭ ސޮއިކޮށްފިއެވެ.

އެމްޕީއެލް އިން ބުނީ ޓާކިޝް އެއާލައިންސާ އެކީ ސޮއިކުރީ "ސީޓު-އެއާ" ޓްރާންޝިޕްމަންޓް ޚިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައި ކަމަށާއި އެމްއެސްއެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއާ ޕާޓްނަރަކަށްވުމަށް ކަމަށެވެ. އަދި އެމްއޭސީއެލްއާއެކު ސޮއިކުރީ "ސީޓު-އެއާ" ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް ވިދާޅުވީ މި ޚިދުމަތްތަކަކީ އެމްޕީއެލްގެ އިތުރުން، ރާއްޖޭގެ އިޤްތިސާދަށް ވެސް ފައިދާކުރާނެ ޚިދުމަތެއް ކަމަށެވެ.

ސީ-ޓުއެއާ ކާގޯ ޚިދުމަތަކީ ވައިގެ މަގުންނާއި ކަނޑު މަގުުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފުކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އަދި، މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގެ ޚިދުމަތް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ޚިދުމަތް ކުރިއަށް ގެންދާނީ އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އަދި ބައިނަލްއަޤްވާމީ އެއާލައިންތަކާ ގުޅިގެންނެވެ.

މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތަކަށް ވާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އެގޮތުން ރާއްޖެއަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުން ކަމަށާއި ޚާއްސަކޮށް ތުރުކީގެ ގައުމުތަކަށް ކުރާ ދަތުރުތައް އިތުރު ކަމަށް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު