ޚަބަރު
ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރަން ޗައިނާ ކުންފުންޏަކަށް
ލ. ގާދޫގައި ފަށާ ބަންކަރިންގެ ހިދުމަތަކީ މުޅި އަތޮޅުގެ މަލަމަތި ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އެ އަތޮޅު ގާދޫގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއޭއެމްސީއީއާ ހަވާލުކޮށްފަ އެވެ.

ގާދޫއަކީ ހިމާޔަތްކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގައި ބަނދަރު އަޅަން ނިންމުމުން ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. މި މަޝްރޫއު ހިންގާއިރު ގާދޫގެ 80 ޕަސެންޓުގައި އަތްނުލާނެ ކަމަށާއި އަދި ހިމާޔަތް ކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެ އެވެ.

ކްރޫޒް ޓާމިނަލްގައި ކަސްޓަމްސް އާއި އިމިގްރޭޝަނާއި ޑިއުޓީ ފްރީ އަދި ލ. އަތޮޅުގެ ރަށްތަކަށް ދެވޭ ޝަޓަލް ހަބެއް ގާއިމުކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެ އެވެ.

އޭގެ އިތުރުން ޔޮޓް މެރީނާއަކާއި އޮފްޝޯ ބަންކަރިންގެ ހިދުމަތް ވެސް އެތަނުން ދޭނެ ކަމަށް އެމްޕީއެލުން ބުނެ އެވެ. މިއީ ދުނިޔޭގެ އިރުން ހުޅަނގަށް އަދި އިރުން ހުޅަނގަށް ކަނޑުމަގުން މުދާ ގެންދާ އެންމެ މައިގަނޑު އެއް ރޫޓެވެ.

މި މަޝްރޫއުގައި ރޭ ސޮއިކުރި ނަމަވެސް އެމްޕީއެލުން ވަނީ އަމަލީ މަސައްކަތް ނުފަށަނީސް މުވައްޒަފުން ހޯދަން އިއުލާނުކޮށްފަ އެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން އޮތް މަޝްރޫއުއެކެވެ.

އެ ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ މި މަޝްރޫއު ނިމުމާ އެކު އެތަނުން ހިދުމަތް ފަށާނެ ކަމަށެވެ. އަދި މިވަގުތު ވެސް އެތަން މާކެޓް ކުރުމުގެ މަސައްކަތް އެމްޕީއެލްގެ މުވައްޒަފުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއާ އެކު މަދުވެގެން 2،000 އެއްހާ ވަޒީފާ ލ. އަތޮޅުގެ ޒުވާނުންނަށް އުފެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި އެމްޕީއެލުން މަސައްކަ ތްކުރަނީ ހަމައެކަނި ކޮންޓެއިނަރު އުފުލައިގެން އާމްދަނީ ހޯދުމުގެ ބަދަލުގައި މިފަދަ މަޝްރޫއުތަކުން ވެސް އާންމުންނާއި ކުންފުންޏަށް ވެސް ފައިދާ ހޯދާށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު