ޚަބަރު
ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް އެމްޑީޕީން ވާހަކަ ނުދައްކާތީ ފާޑުކިޔައިފި
ޖިންސީ ގޯނާފަދަ ކަންކަމަކީ އިދިކޮޅި ޕާޓީ އެމްޑީޕީގެ އުސޫލާ އެއްގޮތް ކަންތައްތައްތޯ ސަރުކާރު ހިއްސާވާ މައި ޕާޓީ ޕީއެންސީން ސުވާލު އުފައްދައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިދިޔަ ފަސް އަހަރު ސަރުކާރާއި ގުޅުން ހުރި ފަރާތްތަކަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ފާހަގަ ކުރައްވާފަ އެވެ.

މީގެ ކުރިން އެމްޑީޕީއަކީ އެފަދަ ކަންކަމާއި ދެކޮޅަށް އަޑު އުފުލި ޕާޓީއެއް ނަމަވެސް މިހާރު އެއިން އެއްވެސް ކަމަކާއި މެދު ލީޑާޝިޕް އަދި ޕާޓީންވެސް އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ހީނާ ތުހުމަތުކުރެއްވި އެވެ. 

"އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެފަދަ ކެނޑިޑޭޓަކުން ވާނަމަ އެކަމުގެ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑު ދެން އިނގޭތޯ،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އެއްވެސް ކަމެއް ސާބިތުވާނަމަ އެފަރާތަކަށް އަޅަން ޖެހޭ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށެވެ.

"ސަރުކާރުގެ ސްޓޭންޑަކީ އެއްވެސް ކަހަލަ މައްސަލައެއް ސާބިތުކުރެވޭފަދަ ފަރާތެއްވާނަމަ އެފަރާތްތަކަށް ލިބެން ޖެހޭ އަދަބު ދޭނެ. ރައީސުލްޖުމްހޫރިއްޔާ އެއްވެސް ބޭފުޅަކާ ތަފާތެއް ނުކުރާނެ،" ހީނާ ވިދާޅުވި އެވެ.

އަލީ ވަހީދުގެ ވާހަކަ މިއަދު ހީނާ ދެއްކެވީ ދާދި ފަހުން އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު މީހުން ދިން ކަމަށް ބުނާ ބަޔާންތަކެއް ލީކް ވުމާ ގުޅިގެންނެވެ. އެ ބަޔާންތަކުގައި އަލީ ވަހީދަށާއި އަދި ހައްސާނަށް ވެސް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. 

މި ބަޔާންތައް ލީކުވި ފަހުން އަލީ ވަހީދު "އެކްސް" ގައި މިދިޔަ މަހު ކުރެއްވި ޕޯސްޓެއްގައި ވަނީ ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބުނި ބުންޏަށް ފްރޭމްކޮށް ދިން އަނިޔާއާ ލަކުނު އަދި ނުފިލާނެ ކަމަށާއި އިރާދަފުޅުން ނަޔާ ކުޅުދުއްފުއްޓެއް ކާމިޔާބު ކުރާނީ ނުހަނު ލޯތްބާއެކު ކަމަށާއި "ތިކަން ތި ކުރަނީ ކާކު ކީއްވެކަން އިނގޭ" ކަމަށް ވެސް އެ ޕޯސްޓްގައި ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު