ޚަބަރު
އެމްޓީސީސީން ބުނި ބަސް: 2023 ވަނަ އަހަރު އަލިފުއްޓަށް ފްލައިޓް ޖައްސާނެ
ރ. އަލިފުށީ އެއާޕޯޓުގެ ކުރެހުމެއް
ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ނިންމާ 2023 އަހަރު އަލިފުއްޓަށް ފްލައިޓް ޖައްސާނެ ކަމަށް 5 ޖަނަވަރީ 2023 ގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވި އެވެ. އާޒިމް މިހެން ވިދާޅުވީ، 5 ޖަނަވަރީ 2023 ރ. އަލިފުށީ އެއާޕޯޓު ޓާމިނަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަލިފުށީ އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެ ރަށުގެ ބިން ހިއްކުމާއި، އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތެވެ.

ހަތަރު ސަތޭކަ ފަންސާސް އެއް މިލިއަން ރުފިޔާގެ މި މަޝްރޫއު ނިމިގެންދާއިރު، އަލިފުށީ ބިމުގެ ސައިޒް ވެސް ދެގުނައަށް ބޮޑުވެ 109 ހެކްޓަރުގެ ބޮޑު ރަށަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އާޒިމްގެ ހިއްސާވާ ވެރިކަން ނިމި 2023 ވަނަ އަހަރު ނިމުނު އިރުވެސް އަލިފުއްޓަށް ފްލައިޓެއް ނު ޖައްސައެވެ.

އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްގެ "ބުނި ބަސް" ދިމަލެއްނުވިއެވެ.! 

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުން ފެށިގެން ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ކޮންމެ ރަށަކުން އެންމެ ލަސްވެގެން ސްޕީޑް ލޯންޗެއްގައި 20 މިނެޓުން ދަތުރުކޮށްފައި ދެވޭ ވަރަށް އެއާޕޯޓްތައް އިތުރުކުރުމަށެވެ.

އެެ ސިޔާސަތުގެ ތެރެއިން ގިނަ ރަށްރަށެއްގައި އެއާޕޯޓް މަޝްރޫއުތަކެއް މި ސަރުކާރުން ވެސް އަންނަނީ ތަރައްގީކުރަން ރާވަމުންނެވެ. މި ފަހުން އެއާޕޯޓް އަޅާނެ ރަށްތަކެއް ކަނޑައަޅައި ރައީސް މުއިއްޒު ވަނީ ގަރާރެއް ނެރުއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ނ. ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދޫ އެވެ. އަދި ވުޖޫދުން ނެތް ގއ. މާޅެންދޫއެއް ވެސް ހިމެނެ އެވެ. 

ދެން އެ ގަރާރުގައި ވަނީ މަސައްކަތް ފަށާފައިވާ އެއާޕޯޓުތައް ތަރައްގީ ކުރުމެވެ. އެއީ ހދ. މަކުނުދު އާއި ށ. ބިލެތްފައްސާއި ރ. އަލިފުއްޓާއި ބ. ތުޅާދު އާއި ތ. ވިލުފުއްޓާއި މ. މުއްޔެވެ. އެ އެއާޕޯޓުތައް ނިންމަން ހަރަދު ކުރަންޖެހޭ އެންމެ ދަށް އަދަދަކީ ހަތަރު މިލިއަން ޑޮލަރެވެ.

މިހާރު ވެސް ހިންގަމުން އަންނަ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ފުނަދޫ އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓު އަދި މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީ ކުރަން ވެސް ރައީސްގެ ގަރާރުގައި ވަނީ ކަނޑައަޅައިފަ އެވެ، އެ އެއާޕޯޓުތަކަށް މަދުވެގެން ހަތަރު މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހެ އެވެ.

އޭގެ އިތުރުން ގދ. ތިނަދު އާއި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ހަތް މިލިއަން ޑޮލަރު، ލ. ގަމުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގަން ހަތް މިލިއަން ޑޮލަރު އަދި އައްޑޫގައި އައްސޭރި ޓޫރިޒަމް ހިންގަން 10 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ވެސް ގަރާރުގައި ވެ އެވެ.

ރައީސް މުއިއްޒު މި މަހުގެ ކުރީކޮޅު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެއާޕޯޓާ ގުޅޭގޮތުން ބައެއް ވާހަކަފުޅުތައް ދައްކަވައިފަ އެވެ. އެ އަތޮޅުގެ އެކި ރަށްތަކުން ވަނީ އެއާޕޯޓު އަޅައިދިނުމަށް އެކި ރަށްތައް ހުށަހަޅުއްވައިފަ އެވެ. އެހެންވެ، ރައީސް ވިދާޅުވީ އެއާޕޯޓް އަޅާނީ ރައްޔިތުން އެންމެ ބޭނުންވާ އަދި އެންމެ އެދޭ ގޮތަށް ކަމަށެވެ.

އެއާޕޯޓާ ގުޅޭ ގޮތުން އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދަށް އިހުތިރާމް ކުރާނެ ކަމަށާއި އެއާޕޯޓާ ގުޅޭ ގޮތުން ރައްޔިތުން ބޭނުންވާ ގޮތް ބަލައި، ރައްޔިތުން އެދޭ ކަހަލަ ތަނެއް ހަދައިދޭނެ ކަމަށް އޭރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު