ޚަބަރު
މިއަދު ވެސް މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ!
ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް އެޖެންޑާނުކޮށް ނުބާއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދުގެ ޖަލްސާ ނޯންނާނެ ކަމަށް ބުނެ މެންބަރުންނަށް ފޮނުވި މެސެޖުގައި އެއްވެސް ސަބަބެއް ބުނެފައެއް ނުވެ އެވެ.  

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަންޖެހެ އެވެ.

މި އެޕްރީލް މަހު މަޖިލީހުގައި ބާއްވާފައިވަނީ އެންމެ ހަތަރު ޖަލްސާ އެވެ. 

މަޖިލީހުގެ ޖަލްސާ ނުބާއްވަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުންޏަސް، ބައެއް މިނިސްޓަރުންނާ ކުރުމަށް އިދިކޮޅު މެންބަރުން ހުށަހަޅާފައި ސުވާލުތަކަށް ޖަވާބު ދިނުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ވެސް އެ ބޭފުޅުން ހާޒިރުކޮށްފައި ނުވާތީ އެ މެންބަރުންގެ ކަންބޮޑުވުން އެބައޮތެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި މި ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާ ކެންސަލް ކޮށްފައިވަނީ އޭގެ ތެރެއިން ހޯމް މިނިސްޓަރު އަލީ އިހުސާނާ ކުރުމަށް ހުށަހަޅާފައިވާ ސުވާލަށް ޖަވާބު ދިނުމަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. އެކަމަކު، އެ ޖަލްސާ ކެންސަލްކުރި ވަކި ސަބަބެއް އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުން ކަންކަން ނިންމަން ޖެހެނީ އާންމުންގެ ވިސްނުމާ އެއްގޮތަށެވެ. ކޮންމެ ރައްޔިތަކު ތަމުސީލުވާނެކަން ޔަގީންކުރަން އެ މަޖިލީހަށް 93 މެންބަރުން ހޮވައިގެން، އެއިން ކޮންމެ ބޭފުޅަކަށް މަހެއްގެ މައްޗަށް 82،500 ރުފިޔާ ހަރަދުކުރަނީ ވަރަށް މުހިންމު ޒިންމާއެއް މަތިކޮށްފައި އޮތީމަ އެވެ. އެކަމަކު، މިހާރު ބައެއް މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން އެ ބޭނުން ކެނޑިއްޖެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު