ޚަބަރު
ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ އިންޑިއާ އާއެކު އޮތް ހެޔޮ ގުޅުން: ދިވެހި ސަރުކާރު
ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާ އިން ދީފައިވާ ކޯޓާ އިތުރުކުރުމުން ދޭހަކޮށްދެނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

އިންޑިއާއިން ވަނީ 2024-2025 ވަނަ އަހަރަށް ވެސް، ދެ ގައުމުގެ ދެމެދުގައި ކަނޑައަޅާފައިވާ ބާވަތްތައް ހާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭފައި ހިމެނެނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެލި ހިމެނެ އެވެ.

އަލަށް ދިން މުއްދަތުގައި އެތެރެކުރުމަށް ހުއްދަ ދިން އަދަދު ވެސް ވަނީ ކުރީގެ އެއްބަސްވުމުގެ އަދަދަށް ވުރެ ފަސް ޕަސެންޓަށް އިތުރުކޮށްފަ އެވެ.

އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާ އިން ދީފައިވާ ކޯޓާ އިތުރުކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާ ސަރުކާރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިއީ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށް މޫސާ ޒަމީރު ވިދާޅުވި އެވެ.

"...އަދި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ދެ ގައުމުން ވެސް ބޭނުންވާ މިންވަރު އަންގައިދޭ ކަމެއް،" ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅު ވަރުގަދަ ކެމްޕޭނެއްގެ މަތީގައި ވެރިކަމަށް ވަޑައިގެންނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު  ވިދާޅުވި އެވެ.

ކޯޓާ އިތުރުކުރުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން އެދިގެން އަސާސީ ތަކެތީގެ ކޯޓާ އިންޑިއާއިން ވަގުތުން އިތުރުކޮށްދިނުމުން ދޭހަކޮށްދެނީ ދެގައުމުގެ ގާތް ގުޅުން ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ދެގައުމުން ބޭނުންވާކަން އަންގައިދޭ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު