އެމްޓީސީސީން ހިލޭ އިމާރާތްކޮށްދީ، އުއްޗު 1.1 މިލިއަން ދީގެން ވެސް ޕްރީ ސްކޫލު ނުފެށުނު!
އިބްރާހިމް އާދަމް
08 އޭޕްރީލް 2024 - 17:50
0 comments
އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި ޕްރީސްކޫލެއް ހަދަން ބިންގާ އަޅަނީ--
އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި ޕްރީ ސްކޫލެއް އިމާރާތްކުރަން ނިންމައި އެ ތަނުގެ ބިންގާ އެޅީ 31 މާޗް 2022 ގައި އެވެ.އެމްޓީސީން ބުނީ، ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދޭން އެހީވުމަކީ އެމްޓީސީސީގެ ސަގާފަތެއް ކަމަށާއި އެކަން ހާސިލް ކުރަން ރާއްޖެ އާއި ބޭރުގެ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރީ ސްކޫލްގެ ބިންގާ އަޅުއްވައި ދެއްވީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމާއި އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހެވެ.އެމްޓީސީން މިހާރު ވަނީ ހޯރަފުށީގައި ޕްރީ ސްކޫލު އިމާރާތްކޮށް ނިންމާފަ އެވެ. އެމްޓީސީސީން އިމާރާތުގެ މަސައްކަތް ނިމުމާއިއެކު، ހޯރަފުށީ ޕްރީ ސްކޫލަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) 1.1 މިލިއަން ރުފިޔާގެ އެހީ ހަދިޔާކުރީ 21 މެއި 2023 ގައި އެވެ.ޕްރީ ސްކޫލަށް، އުއްޗު ދެއްވި އެހީ ހަވާލުކޮށްދެއްވީ އޭނާގެ ދަރިކަނބަލުން ސާރާ މުހައްމަދު މޫސާ އެވެ. އެ އެހީއާ ހަވާލުވެވަޑައިގަތީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.އުއްޗުގެ ފަރާތްޕުޅުން އެ ތަނަށް ދިން އެހީގެ ޖުމްލައަކީ 1،171،558ރ. އެވެ. އޭގެ ތެރެއިން ބައެއް މާލީ އެހީގެ ގޮތުގައި އަދި އަނެއް ބައި ދީފައި ވަނީ ތަކެތީގެ ގޮތުގަ އެވެ. އެ ތަކެތީގެ ތެރޭގައި ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ސާމާނާއި ކުދިން ކުޅޭނެ ޕްލޭ ގްރައުންޑަށް ބޭނުންވާނެ ތަކެތި ހިމެނެ އެވެ."ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލް"ގެ ނަން ދީފައިވާ އެ ސްކޫލުގައި ކޮންމެ ކްލާހެއްގައި 20 ކުދިންނަށް ކިޔަވައިދޭ ގޮތަށް ތިން ކްލާސްރޫމު ހުރެ އެވެ. މި ސްކޫލުގެ ކިޔެވުން ދިރާސީ އާ އަހަރު ފެށޭނެ ކަމަށް އެ ރަށު ކައުންސިލުން ކުރިން ބުނި ނަމަވެސް އެކަން ވަނީ ނުވެފައެވެ. ހޯރަފުށީގައި ޕްރީ ސްކޫލެއް ނެތުމާއި ކުރިން 11 އަދި 12 އަށް ކިޔަވައިދެމުން ދިޔަ ރަށުގައި މިހާރު އެކަން ވެސް ހުއްޓިފައިވާތީ ދަރިންނަށް ތައުލީމު ދިނުމަށް މިފަހުން ރަށް ދޫކޮށް ގިނަ އާއިލާތަކެއްވަނީ މާލެ ބަދަލުވެފައި އެވެ.
ކިޔުންތެރިންގެ ޝުއޫރު