ޚަބަރު
މޫޑީސް އިން ފާހަގަކުރި ކަންކަން ރަނގަޅު ކުރާނަން: ސަރުކާރު
ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ފާހަގަކޮށްފައިވާ ހިރާސްތައް ގަބޫލުކޮށް، އެ ކަންކަން ރަނގަޅުކުރަން ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފި އެވެ.

މޫޑީސްއިން ރާއްޖޭގެ ރޭޓިން ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށްކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މޫޑީސް އިން ވަނީ ރާއްޖޭގެ ރޭޓިން ދެމެހެއްޓުމަށް ނިންމާފަ އެވެ.

މޫޑީސްއިން ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެމެހެއްޓީ ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެސް ބޮޑު އަދަދެއް ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭއިރު އެއީ ކަންބޮޑުވުމެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މޫޑީސްގެ ބަޔާނުގައި، ކްރެޑިޓް ރޭޓިން ދެމެހެއްޓުމުގައި ބަލާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތައް ފާހަގަކޮށްފައިވާ ކަމަށެވެ.

އެމްއެމްއޭއިން އަލަށް ތައާރަފުކުރި ބޭރު ފައިސާއާބެހޭ ގަވާއިދުތަކާއި ސަރުކާރުން ޓެކްސްއަށް ގެނައި އިސްލާހުތަކުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަން މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުކުރުމުން، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ.

"ފާއިތުވި މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިން ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށް ވެސް މޫޑީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ސެޕްޓެމްބަރު މަހު، ރާއްޖެއާއި އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއް ކަމުގައި މޫޑީސްއިން ބަޔާންކޮށްފައިވެއެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މޫޑީސް އިން ރާއްޖޭގެ ރޭޓިން ދެމެހެއްޓިއިރު، ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިންގްސް އިން ދާދިފަހުން ވަނީ ރާއްޖެއަށް ދީފައިވާ ރޭޓިން "ސީސީ"އަށް ދަށްކޮށްފަ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ އިސްލާހީ ފިޔަވަޅުތަކާ އެކު ފިޗް ރޭޓިން ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު