ވިޔަފާރި
އެއާޕޯޓް ޓެކުހާއި ފީއަށް ގެނައި ބަދަލަށް އަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއިން ފުރާ ފަސިންޖަރުންގެ އަތުން ނަގައި ފީއާއި ޓެކުހުގެ ގާނޫނަށް ގެނައި އިސްލާހާ އެކު މިއަދުން ފެށިގެން ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވަލޮޕްމަންޓަލް ފީ ބޮޑުވެއްޖެއެވެ.

ސަރުކާރުން ހުށަހަޅައިގެން މި ގާނޫނު ބަދަލުކުރީ ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ މަތިކޮށް، ބޭރު ފައިސާގެ ތާށިކަމަށް ލުޔެއް ހޯދުމުގެ ބޭނުމުގަ އެވެ. މި ބަދަލާއެކީގައި ދައުލަތުގެ ޖުމްލަ އާމްދަނީ ވެސް އިތުރުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ވެ އެވެ.

ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހާއި ފީއަށް އަންނަ ބަދަލާ އެކީގައި އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން ފިޔަވައި އެ ނޫން އެހެން ހުރިހާ އެންމެންގެ ޓިކެޓުތައް އަގު ބޮޑު ވާނެ އެވެ.

ޓިކެޓުގެ އަގުތަކަށް އިތުރުވާ އަދަދު

  • އިކޮނޮމީ ކްލާހުން ދަތުކުރާ ފަސިންޖަރުން: ޑިޕާޗާ ޓެކްސްއަށް 50 ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް 50 ޑޮލަރު
  • ބިޒްނަސް ކްލާހުން ދަތުރުކުރާ ފަސިންޖަރުން: ޑިޕާޗާ ޓެކްސްއަށް 120 ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް 120 ޑޮލަރު
  • ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުން: ޑިޕާޗާ ޓެކްސްއަށް 240 އެމެރިކާ ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް 240 ޑޮލަރު
  • ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ފަސިންޖަރުން: ޑިޕާޗާ ޓެކްސްއަށް 480 ޑޮލަރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީއަށް 480 ޑޮލަރު
އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ އަންދާޒާތަކުގައިވާ ގޮތުގައި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ރޭޓުތައް މަތިކުރުމާއެކީ އަންނަ އަހަރުގެ ތެރޭގައި އެ ދާއިރާއިން ދެ ބިލިއަން ރުފިޔާ (131 މިލިއަން ޑޮލަރު) ލިބޭނެ އެވެ. އަދި ޑިޕާޗާ ޓެކްސް ރޭޓު މަތިކުރުމާއެކީ 1.9 ބިލިއަން ރުފިޔާ (120 މިލިއަން ޑޮލަރު) ލިބޭނެ އެވެ.

މިއީ އާމްދަނީ އިތުރުކުރަން މި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ފިޔަވަޅުތަކެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވާގޮތުން އިސްލާހީ ފިޔަވަޅުތަކާ އެކު އަންނަ އަހަރުގެ އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މީގެ އިތުރުން، ގްރީން ޓެކްސް ވެސް ދެ ގުނައަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން، ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ނަގާނީ 12 ޑޮލަރެވެ. އަދި، ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނަގާނެއެވެ.

މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު