ޚަބަރު
ރިޓަޔަމެންޓް އުސޫލަށް ސަރުކާރުން ގެންނަން އުޅުނު ބަދަލު އުވާލައިފި
ސަރުކާރުގެ ވަކިވަކި އިދާރާތަކުން ހިންގާ އަމިއްލަ ރިޓަޔަމެންޓް ސްކީމްގެ ތެރެއިން، އަންނަ މަހުގެ 1 އިން ފެށިގެން ވަޒީފާ އިން އަލަށް ރިޓަޔާވާ މުވައްޒަފުންނަށް މަހުން މަހަށް ދޭން ކަނޑައަޅާފައިވާ އެލަވަންސްތައް ނުދޭން ނިންމި ނިންމުން ސަރުކާރުން އުވާލައިފި އެވެ.

ރިޓަޔަމެންޓް ސްކީމަށް ސަރުކާރުން އެންމެ ފަހުން ގެނައި ބަދަލަށް އަމަލުކުރަން ނިންމާފައި އޮތީ ކުރިއަށް އޮތް ޖެނުއަރީ އެއްވަނަ ދުވަހު އެވެ.

ނަމަވެސް ފިނޭންސްގެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރިޓަޔަމަންޓް ސްކީމަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އެތައް ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހުރުމާ ގުޅިގެން އަލަށް ރިޓަޔަވާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އެލަވަންސްތައް ނުދޭން ނިންމި ނިންމުން މިހާރު އުވާލާފައިވާ ކަމަށެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އެ ނިންމުން ބަދަލުކުރީ މުވައްޒަފުންގެ ކަންބޮޑުވުންތަކެއް ހުރުމާ އެކު، ކެބިނެޓްގެ އިއްޔެގެ ބައްދަލުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މައްސަލަ ހުށަހަޅުއްވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ވަކިވަކި ޕެންޝަން ސްކީމްތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް ފިނޭންސް މިނިސްޓްރީގެ ލިސްޓްގައި އޮތްއިރު މީގެތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން ޖުޑިޝަރީ ހިމެނެ އެވެ. 

އޮޑިޓަ ޖެނެރަލް 2015 ގައި ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓެއްގައި ވަނީ ޑަބަލް ޕެންޝަން ދޭ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއް ނޫން ކަމަށާއި އެއީ އިންސާފުވެރިގޮތެއް ނޫން ކަމަށް ފާހަގަކުރައްވައިފަ އެވެ. އޮޑިޓަ ޖެނެރަލް އޭރު ލަފާ ދެއްވާފައި ވަނީ ޕެންޝަން ނިޒާމު ހާމަނައިޒްކޮށް، ޑަބަލް ޕެންޝަން ނުދެވޭނެ ގޮތަކަށް ޕެންޝަން ނިޒާމު ބައްޓަން ކުރުމަށެވެ.

އެ ސްކީމު ހުއްޓާނުލައި، މިހާރު ދޭ އުސޫލުން ޕެންޝަން ދޭ ނަމަ 2030 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 4.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

ޑަބަލް ޕެންޝަން ނިޒާމު އުވާލުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް އިން ވެސް ސަރުކާރަށް މީގެ ކުރިން ލަފާދީފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު