ޚަބަރު
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ކުރަން ހުއްދަ ދިނުމުގެ ކުރިން އެ ތަކެތި ޓެސްޓުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެމްބަރު އަހްމަދު ހާރޫން އޮގަސްޓު 2021, ގައި ހުށަހެޅުއްވި އެ ބިލު ފާސްކުރީ މެއި، 13 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

އެބިލު ގާނޫނަކަށް ވުމުން ކާބޯތަކެތި އުފައްދާ، ގުދަންކޮށް އަދި ވިއްކާ ތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަން ކަށަވަރުކުރުމަށްޓަކައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގާއިމުވާނެ އެވެ.

ބިލުގައި ގޮތުން މިއިން ކުށެއް ކުރާ މީހެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލާ، 10،000ރ. 300،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރާނެ އުސޫލެއްވެސް މި ބިލުގައި ކަނޑައަޅާފައިވާއިރު އެފަދަ ތަންތަނުގައި ފުރިހަމަވާން ޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާއިރު، މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީހުންން ފެށިގެންނެވެ.

ރާއްޖެއަށް މިހާރު ގެންނަ ކާބޯތަކެތި ޓެސްޓުކުރަނީ ރެންޑަމްކޮށެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން، ކެއުމާއި ބުއިމުގައި ބޭނުންކުރާ ހުރިހާ ބާވަތެއް ދެން ރާއްޖެ އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު