ވިޔަފާރި
އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 818 މިލިއަން ރުފިޔާ
އެސްޓީއޯއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޝިޕިން އިން
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 818 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ މިދިޔަ އަހަރަކީ ރެކޯޑު އަދަދަކަށް ފައިދާވި އަހަރެއް ކަމަށާއި އެގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި, އެސްޓީއޯގެ ދަށުން ހިންގަމުންދާ އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސްގައި ހިމެނޭ ހުރިހާ ކުންފުންޏެއް ހިމެނޭ ގޮތަށް ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިދިޔަ އަހަރު އެކުންފުންޏަށް ޖުމްލަ 17 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެސްޓީއޯއަށް 2022 ވަނަ އަހަރު ވަނީ 19 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އާމްދަނީ އެހާ ބޮޑަށް ދަށްވީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުންނެވެ. ތެލުގެ ވިޔަފާރިއަކީ އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާ އެވެ. މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 13 ބިލިއަން ރުފިޔާ ތެލުގެ ވިޔަފާރިން ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 3.4 ޕަސެންޓް ދަށް އަދަދެކެވެ. 

މިދިޔަ އަހަރު އެސްޓީއޯ ގްރޫޕްގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ: 

1. މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) 

 އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެމްއެސްއެސްގެ އާމްދަނީ ވަނީ 22 ޕަސެންޓަށް ކުރިއަށް ޖެހިފަ އެވެ. އެކުންފުންޏަށް މިދިޔަ އަހަރު 376 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެ އެވެ. އޭގެ ކުރިން އަހަރު އެ ކުންފުނީގެ އާމްދަނީ ހުރީ 308 މިލިއަން ރުފިޔާގަ އެވެ. 

2. އެލައިޑު 

 އެ ކުންފުނީގެ އާމްދަނީ ވަނީ 19 ޕަސެންޓަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެކުންފުންޏަށް 519 މިލިއަން ރުފިޔާ ލިބުނެ އެވެ. އޭގެ ކުރިން އަހަރު އެލައިޑުގެ އާމްދަނީ ހުރީ 436 މިލިއަން ރުފިޔާގަ އެވެ. 

މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެކުންފުންނަށް ވަނީ ލިބިފައެވެ. މިއީ އެސްޓީއޯގެ ތާރީހިގައިވެސް ރެކޯޑް އަދަދެކެވެ. އެސްޓީއަށް 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، އެންމެ 728 މިލިއަން ރުފިޔާއެވެ. މިއާއެކު މިއަހަރު ކުންފުނިން ވަނީ 12 އިންސައްތަ ކުރިއެރުމެއް ހޯދާފައެވެ.

މިކުރިއެރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާވެ، ޖުމްލަ ފައިދާ އިތުރުވުން ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް އިތުރުވެ، 1.1 ބިލިއަނަށް އަރާފައިވާ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ. މިއީވެސް އެ ގްރޫޕުގެ ތަރީޚުގެ ފުރަތަމަ ފަހަރަށް ހާސިލްކުރެވުނު ރެކޯޑު އަދަދެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. 

"މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވުމާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދަށްކުރުމުން. އެހެންނަމަވެސް ފާއިތުވި އަހަރު މި ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއިއެކު، އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަފައިދާގެ ގޮތުގައިވަނީ 3 ބިލިއަން ރުފިޔާ ލިބިފައި," އެސްޓީއޯއިން ބުނެފައިވެ އެވެ.

މިދިޔަ އަހަރު ޖުމުލަ ފައިދާ އިތުރުވުމާ ގުޅިގެން ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ އެސްޓީއޯއަށް ލިބިފަ އެވެ. އެއީ އޭގެ ކުރީ 2022 އަށް ވުރެ 300 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު