ޚަބަރު
އަންނަ ހޯމަ ދުވަހުން ފެށިގެން ދިވެހި ހައްޖުވެރިން އެނބުރި އަންނަން ފަށާނެ
ދިވެހި ހައްޖުވެރިން ސައުދީގައި: ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނާނީ ހޯމަ ދުވަހު -
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު އަންނަ ހޯމަ ދުވަހު ރާއްޖެ އައުމަށް ފުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރު ޝަހީމް ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.

އޭނާ މިއަދު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ފަހު ހުރިހާ ހައްޖުވެރިން މިހާރު ރާއްޖެ އައުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

"ދިވެހި ހައްޖުވެރިންގެ ތެރެއިން މިހާތަނަށް ނިޔާވީ އެއް ހައްޖުވެރިއެކެވެ. މި ވަގުތު ހޮސްޕިޓަލުގައި އެއް ހައްޖުވެރިއަކު އޮތްއިރު އާންމުގޮތެއްގައި ހައްޖުވެރިންގެ ހާލު ރަނގަޅެވެ،" ޝަހީމްގެ މެސެޖުގައި ވިދާޅުވި އެވެ.

ހާޖީން މާލެ އަންނާނީ ހަތަރު ދުވަހެއްގެ މަތީންނެވެ. އެއީ ޖޫން 24 ވަނަ ދުވަހާއި 28 ވަނަ ދުވަހާއި ޖުލައި ފުރަތަމަ ދުވަސް އަދި ހަތަރުވަނަ ދުވަހު އެވެ. 

މިއަހަރުގެ އަމީރުލްހައްޖެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އެވެ.

މި އަހަރު ރާއްޖެއިން ޖުމްލަ 1150 މީހުންވަނީ ޙައްޖަށް ގޮސްފައެވެ. އޭގެ ތެރޭގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހަކު ވަނީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޙައްޖަށް ފޮނުވައިފައެވެ. ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ޙައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު