ދީން
ޝައިތާނާގެ ބޭނުން: އިންސާނުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުން!
މިނާއަށް ގޮސް ހައްޖާޖީން ޖަމްރާއަށް އުކުމަށް ހިލަ ހޮވަނީ. -- ފޮޓޯ: އޭއެފްޕީ
ޝައިތާނާ ބޭނުންވަނީ އިންސާނުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާށެވެ. އެހެން ކަމުން މީހަކު ތިމާއާ މެދު ނުބައިކޮށް އަމަލުކުރި ކަމުގައި ވިޔަސް އެ މީހަކާ މެދު ހެޔޮކޮށް ހިތުމަކީ މުސްލިމުންގެ ސިފައަކަށްވާ ޖެހެ އެވެ. 

މިކަމަށް ގޮވާލާ ނިމުނު އަހަރުގެ ހައްޖު ހުތުބާގައި މަސްޖިދުލް ހަރަމްގެ އިމާމް ޝައިހު ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދު އިސްލާމީ އުންމަތަށް ވަނީ ގިނަ ނަސޭހަތް ތަކެއް ދެއްވާފައި އެވެ. 

ހައްޖުގެ މަތިވެރި ފަރުޟު އަދާކުރުމަށް އަރަފާތު ބިމަށް ޖަމާވެ ތިބި ދޮޅު މިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހާޒިރުގައި ދެއްވި ހުތުބާގައި ޝައިޚް ސާލިހް ވަނީ އިސްލާމީ އުންމަތަށް ތަގުވާވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދެއްވައިފަ އެވެ. އިމާންތެރިކަން އިސްކޮށްފި ނަމަ ބޭއިންސާފާއި ޝިރުކުން ސަލާމަތްވާނެ ކަމަށާއި އެފަދަ މީހުންނަކީ ސީދާ ތެދުމަގާއި ﷲ ގެ ރައްކާތެރިކަން ލިބިގެންވާ މީހުން ކަމަށް ޝައިޚް ވިދާޅުވި އެވެ.

"ﷲ އަށް ބިރުވެތިވެ، ތަގުވާވެރިކަމާ އެކު ދިރިއުޅޭ،" ނަމިރާ މިސްކިތުގައި ދެއްވި ހައްޖު ހުތުބާގައި ޝައިޚް ވިދާޅުވި އެވެ.

ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި ދީނުގެ އެހެން ރުކުންތައް އަދާކުރުމަށް ގޮވާލައްވަމުން ވަކިން ހާއްސަކޮށް ޒަކާތުގެ ވާހަކަ ހުތުބާގައި ފާހަގަކުރެއްވި އެވެ. މާތްﷲ ދެއްވި މުދަލުން ފަގީރުންނަށް ހޭދަކުރުމުން މުދާ ތާހިރުވުމުގެ އިތުރުން އެއީ މުށްބާރުކަމާއި އަމިއްލަ އެދުން ކުޑަކޮށްދިނުމާ އެކު މުޖުތަމައުގެ އާންމު ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމެއްކަން ޝައިޚް ސާލިހް ހަނދާންކޮށްދެއްވި އެވެ.

ހެޔޮ އަމަލުތަކާއި ނުބައި އަމަލުތައް ހަމަހަމަވެގެން ނުވާނެކަން ﷲ އަންގަވާފައިވާތީ އެކަން ހަނދާންކޮށްދެއްވަމުން ޚުތުބާގައި ވަނީ އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމުކަން ފާހަގަކުރައްވައި ތިމާއާ މެދު ނުބައިކޮށް ހިތި މީހަކަށް ވެސް ހެޔޮކޮށް ހިތުމަށް ގޮވާލައިފަ އެވެ.

ޝައިތާނާ ބޭނުންވަނީ އިންސާނުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަން ކަމަށާއި އެހެންވެ މީހަކު ތިމާއާ މެދު ނުބައިކޮށް އަމަލުކުރި ކަމުގައި ވިޔަސް އެ މީހަކާ މެދު ހެޔޮކޮށް ހިތުމަށް ގޮވައިލެއްވި އެވެ.

"ނުބައިކޮށް ހިތި މީހާއަށް އެކަމުގެ ރައްދުގައި ހެޔޮކޮށް ހިތާ. އޭރުން އެކުވެރިކަން އުފެދިދާނެ،" ޝައިހު ވިދާޅުވި އެވެ.


ޝައިހު ސާލިހް ވަނީ ކޮންމެ މީހަކު ވެސް ފާފަ ފުއްސެވުމަށް އެދި ﷲ އަށް ދަންނަވައި ތައުބާވުމަށާއި އޭރުން ﷲ ގެ ދީލަތިވަންތަކަމުން އެ މީހަކަށް ދެއްވައި ދުނިޔެ އާއި އާހިރަތުގެ ހެޔޮކަން ވެސް ހޯދޭނެ ކަމަށް ވެސް ޚުތުބާގައި ވިދާޅުވެފަ އެވެ.

"ﷲ އެ މީހަކަށް މުސީބާތެއް ޖައްސަވައިވި ނަމަ ﷲ ފިޔަވައި އެހެން ފަރާތަކަށް އެކަން ލުއިކޮށެއް ނުދެވޭނެ. ހަމަ އެގޮތަށް، ﷲ އެ މީހަކަށް ނިއުމަތެއް ދެއްވައި ނަމަ އެކަމަށް ހުރަސްއަޅައި ހުއްޓުވޭނެ އެހެން ފަރާތެއް ވެސް ނުވޭ،" ޝައިހު ސާލިހް ވިދާޅުވި އެވެ.

އެހެންވެ ﷲ ގެ މަގަށް ރުޖޫއަވެ ޝައިތާނާއާ ދުރުވުމަށް ފަރުޟު ނަމާދުގެ މުހިންމުކަން ހަނދާންކޮށްދެއްވި އެވެ.

  • މަސްޖިދުލްޙަރަމްގެ އިމާމު ސޯލިހު ބުން އަބްދުالله ހުމައިދު   
މަސްޖިދުލް ހަރަމްގެ އިމާމުކަމަށް އިމާމް ސޯލިހު ބުން އަބްދުالله ހުމައިދު އައްޔަނުކުރީ 1983ވަނަ އަހަރު އޭނާގެ އުމުރުފުޅުން 33 އަހަރުގަ އެވެ. އޭނާ ވަނީ އުމުރުން ގާތްގަނޑަކަށް 20 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރައްވާފަ އެވެ.

އޭނާ މަތީ ތައުލީމު ހާސިލުކުރެއްވީ ބުރައިދާގަ އެވެ. އަދި މައްކާގައި ހުންނަ އުއްމުލް ގުރާ ޔުނިވާސިޓީން 1975ވަނަ އަހަރު އޭނާ ވަނީ ދަސްވެނިވެފަ އެވެ. އަދި ހަމަ އެ ޔުނިވާސިޓީން މާސްޓާސް ޑިގްރީއާއި ޑޮކްޓަރޭޓް ޑިގްރީ އޭނާ ހާސިލުކުރެއްވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު