ދީން
ހައްޖުގެ އަޅުކަމަކީ ކަންދެއްކުމުގެ އަމަލަކަށް ނުހެދުމަށް ހައްޖު ހުތުބާގައި ގޮވާލައިފި
ހައްޖުގެ އަޅުކަމަކީ ކަންދެއްކުމުގެ އަމަލަކަށް އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ އަމަލަކަށް ނުހެދުމަށާއި ހައްޖުގެ ޝިއާރުތައް ފާޅުކޮށް މަނާސިކުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މިއަދުގެ އަރަފާތުގެ ހުތުބާގައި ގޮވާލައްވައިފި އެވެ.

ހުތުބާގައި ވަނީ ތަގުވާވެރިވުމަށާއި، އިހްސާންތެރި ވުމަށާއި، އަމާނާތްތެރިކަމާއި، ކިޔަމަންތެރިކަމާއެކު ކަންކުރުމަށާއި، މައިންބަފައިންނަށް އޯގާތެރިވުމަށާއ، ވެރިންނަށް ބޯލެނބުމަށާއި، އެހެން މީހުންނަށް އެހީތެރިވުމަށާއި، ޝަރީއަތުގައި އަދުލު އިންސާފާއެކު ހުކުމް ކުރުމަށްވެސް ގޮވާލައްވާފަ އެވެ.

ހުތުބާގައި ވިދާޅުވީ ދުނިޔޭގައި އުޅޭއިރު އިންސާނާގެ ބުއްދިއާއި އަމަލުތަކަށް ސަމާލުވާންޖެހޭ ކަމަށެވެ. އިސްލާމްދީނުގެ ފަސް ރުކުނަށާއި އީމާންކަމުގެ ހަ ރުކުނަށް ފުރިހަމައަށް އީމާންވުމަށްވެސް އިސްލާމީ އުއްމަތަށް ހަނދާންކޮށްދެއްވި އެވެ.

ހަމައެއައިއެކު ބޭކާރު ގޮތުގައި މުދާ ހޭދަ ނުކުރުމަށާއި ރަލާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ޝައިތާނާގެ އަމަލެއް ކަމަށާއި މި ޢަމަލުގެ ސަބަބުން އިންސާނާ ހަލާކުގެ ތެރެއަށް އެއްލާލާކަމަށް ހުތުބާގައި ވިދާޅުވި އެވެ. އަދި މިކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.

މީގެ އިތުރުން އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށާއި ފުރައްސާރަ ނުކުރުމަށާއި އެކަކު އަނެކަކަށް ނުރުހޭ ނަންނަމުން ނުގޮވުމަށާއި ޖާސޫސް ނުކުރުމަށާއި އެމީހެއްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްވެސް ހައްޖު ހުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.

މަސްޖިދުއް ނަމީރާގައި އިއްވެވި މިއަހަރުގެ ހައްޖުގެ ހުތުބާ އިއްވައިދެއްވީ އަލް މަސްޖިދުލް ހަރަމްގެ އިމާމް މަހާރް އަލް މުއައިޣްލީ އެވެ. މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް 1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ މައްކާއަށް ޖަމާވެފަ އެވެ. 
އޭގެ ތެރޭގައި ރާއްޖޭގެ 1،150 ހައްޖުވެރިން ހިމެނެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު