ޚަބަރު
ގާ ހުދުވާތީ ހުއްޓާލި ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފި އެވެ.

އެޗްޑީސީއިން ބުނި ގޮތުގައި މިއަދު ހަވީރު ފެށި މި މަޝްރޫއުގެ ދަށުން، ތިންވަނަ ފިޔަވަހިން ހިއްކާ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން ބާކީ އޮތް 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާނެ އެވެ.

އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލީ ގާ ހުދުވަމުން ދާތީ ޖޫން 10، އާ ހަމައަށް ބިން ހިއްކުމާއި ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ އެންމެހައި މަސައްކަތްތައް ހުއްޓާލަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އެންގުމާ ގުޅިގެންނެވެ.

އެޗްޑީސީ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށިއިރު އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށްވެސް ނަގާފައި ނުވާތީ، މި މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށެވެ.

"ވީމާ އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާވެސް އަވަހަށް ނަގައި ފަޅުތެރެ ހުސްކޮށްދިނުމަށް މި ކޯޕަރޭޝަނުން އެދެމެވެ،" އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު