ވިޔަފާރި
ހުޅުމާލޭގެ މޮނިއުމަންޓްތައް ޑިޒައިން ކޮށްގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު
ޑިޒައިންކުރުމުގެ މުބާރާތެއް އެޗްޑީސީން އިއްޔެ ފެށުން
ހުޅުމާލޭގައި ރައުންޑްއެބައުޓްސް ތަކުގައި ބަހައްޓާނެ މޮނިއުމަންޓުތައް ޑިޒައިންކުރުމުގެ މުބާރާތެއް އެޗްޑީސީން ފަށައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އާޓިސްޓުންނާއި ޑިޒައިނަރުންގެ އިތުރުން އާކިޓެކްޓުންގެ މެދުގައި މޮނިއުމަންޓް ޑިޒައިން ކުރުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ މި މުބާރާތުގެ އެންމެ ފުރިހަމަ ޑިޒައިނަށް އިނާމެއްގެ ގޮތުގައި 100،000 ރުފިޔާ ދޭނެ ކަމަށެވެ. މިއީ ހަމައެކަނި އުފެއްދުންތެރި ކަމުގެ ހުނަރުތައް ދައްކައިލަން ލިބޭ ފުރުސަތެއް ނޫންކަން ފާހަގަކޮށް، އެޗްޑީސީން ބުނީ މި މުބާރާތަކީ ހުޅުމާލޭގެ ސަގާފީވަންތަ ސިފަތަކަށް ވެސް ދެވޭ އެއްބާރުލުމެއް ކަމަށެވެ.

އެޗްޑީސީން ބުނީ މޮނިއުމަންޓުތައް ބެހެއްޓުމުގެ މަގުސަދަކީ ރައުންޑްއަބައުޓްސް ހުންނަ ސަރަހައްދުތައް ދިވެހީންގެ ތަރިކައާއި، ސަގާފަތާއި ގައުމިއްޔަތު ދައްކުވައިދޭ މޮނިއުމަންޓުތަކުން ރީތިކުރުން ކަމަށެވެ.

އެޗްޑީސީން ބުނީ މި ބޮޑު މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ ގައުމިއްޔަތާއި އިސްލާމީ ތަރިކައާއި، މުއްސަނދި ސަގާފަތްތަކާއި، ދިވެހީންގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ބިނާތަކެއް އެޅުން ކަމަށެވެ.

މި މުބާރާތަކީ ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުންނާއި، އާކިޓެކްޓުންގެ އިތުރުން، ގުޅުންހުރި ދާއިރާތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. ވަކިވަކިން ވެސް ނުވަތަ ފަސް މެންބަރުންގެ އެކުލެވޭ ޓީމެއްގެ ގޮތުގައި ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާނަމަ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް marketing@hdc.mv އަށް ބައިވެރިވާ ފަރާތުގެ ނަމާއި، ތަފުސީލު ތައާރަފަކާއި، ގުޅޭނެ ގޮތުގެ މައުލޫމާތުގެ އިތުރުން ހުށަހަޅާ ތަކެތީގެ ގޫގަލް ޑްރައިވް ލިންކު މެއިލް ކުރަން ޖެހޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ.

މި މުބާރާތުގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު، އިތުރު މައުލޫމާތު ހޯދުމަށް marketing@hdc.mv އަށް މެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ. 

އެޗްޑީސީން ބުނީ މި މުބާރާތުން ހޮވޭ ފަރާތް ނޮވެމްބަރު 14ގައި އިއުލާންކުރާނެ ކަމަށެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު