ޚަބަރު
އަމާން އުދަރެސްގެ ހުރިހާ ޓަވަރެއްގެ ސްޓްރަކްޗާ މަސައްކަތްތައް ނިމިއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި ހަދަމުން އަންނަ 32 ޓަވަރުގެ ތެރެއިން 16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމިއްޖެ އެވެ.

އެފްޑީސީން އަންނަނީ 4،000 ހައުސިން ޔުނިޓެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ 32 ޓަވަރުގެ މަސައްކަތެވެ. އެއިން 15 ޓަވަރެއްގެ މަސައްކަތް ކޮންޓްރެކްޓުކޮށްފައިވަނީ ކޭޕީއައިއެލްއާ އެވެ. އެ ކުންފުންޏާ ހަވާލުކުރި 16 ޓަވަރަަށް ދީފައިވާ ނަމަކީ "އަމާން އުދަރެސް" އެވެ. 

އެ ޓަވަރުތަކުގެ ސްޓްރަކްޗާ މަސައްކަތް މިހާރު ނިމިފައިވާކަން މިއަދު އެފްޑީސީން އިއުލާނުކޮށްފައިވެ އެވެ. އެ ޓަވަރުތަކުގެ ފަހު ސްލެބް އެޅީ މިއަދު އެވެ. ދެން ކުރިއަށްދާނީ އެ ޓަވަރުތަކުގެ ފިނިޝިން މަސައްކަތެވެ. 

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފަރާތުން ހަސަން މާނިހު އުމަރު ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ވަސީލަކްތަތަކެއް ދެން ބޭނުންކުރާނީ ޓަވަރުތަކުގެ ފިނިޝިން މަސައްކަަތް ނިންމުމަށް ކަމަށެވެ. އަދި ފިނިޝިން މަސައްކަތް ބާރު ސްޕީޑުގައި ގެންގޮސް ކަނޑައަޅާފައިވާ މުއްދަތަށް ހުރިހާ ޔުނިޓެއްގެ ފިނިޝިން ނިންމައި ހަވާލުކުރެވޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

އެފްޑީސީގެ މެނޭޖާ ޕްރޮޖެކްޓްސް މުހައްމަދު ހައިކަލް އިބްރާހީމް މިއަދު ވިދާޅުވީ "އަމާން އުދަރެސް"ގެ 16 ޓަވަރުގެ މަސައްކަތް އެހާ ހަލުއިކޮށް ނިންމައިލެވުނީ އެލުމިނިއަމް ފްރޭމްވޯކް މެތޮޑު ބޭނުންކޮށްގެން މަސައްކަތް ކުރުމުން ކަމަށެވެ. 

ކުރީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ވަނީ އެ ވެރިކަން ނިމެން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަނޑައަޅައިފަ އެވެ. ނަމަވެސް، އެ ފްލެޓް ލިސްޓު އެކުލަވާލުމުގައި ނާއިންސާފުން ކަންކަން ކޮށްފައި ހުރި ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓު ދިނުން ހުއްޓުވައިފަ އެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު ރިވިއު ކުރުމަށް ފަހު، ފައިނަލް ލިސްޓު އަންނަ މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ހައިދަރު ވަނީ މިދިޔަ ޖުލައި މަހު ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު