ޚަބަރު
ރަސްމީ ދަތުރުފުޅުތަކުގައި ހަތަރު ވަޒީރަކު ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި ސަރުކާރުގެ ހަތަރު ވަޒީރަކު ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންފި އެވެ.

1. ހާރިޖީ ވަޒީރު އެމެރިކާ އަށް

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރރުގެ މި ދަތުރުފުޅުގައި އެމެރިކާއާއި އދ ގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.  

މޫސާ ޒަމީރުގެ މި ދަތުރުފުޅު ފެށުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ވޮޝިންގްޓަން ޑީސީންނެވެ. އެގޮތުން ވޮޝިންގްޓަންގައި ފޮރިން މިނިސްޓަރު އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާއި، އެމެރިކާގެ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް އެޖެންސީގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން ވޮޝިންގްޓަންގައި ދިރިއުޅޭ ދިވެހިންނާ ވަޒީރު ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެ އެވެ. އަދި އެމެރިކާގައި ހުންނަ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ ބައްދަލުވުމެއްގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވި އެވެ.

2. މިނިސްޓަރު ސައީދު ވަޑައިގެންނެވީ ޗައިނާ އަށް

އިކޮނޮމިކް މިނިސްޓްޓްރީން ބުނީ މި ދަތުރަކީ ޗައިނާގެ ދާލިއާންގައި އޮންނަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ކުރައްވާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި ޗައިނާގެ ކޮމާސް މިނިސްޓަރާއި އެހެނިހެން އިސް އޮފިޝަލުންނާ މިނިސްޓަރު ބައްދަލު ކުރައްވައި މަޝްވަރާތަކެއް ވެސް ކުރައްވާނެ އެވެ. އެގޮތުން ވިޔަފާރި އާއި ފައިނޭންޝިއަލް ސެކްޓާއާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ދާނެ އެވެ.

ޗައިނާ އަކީ މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމެވެ. މި އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޮޑު ވަދުފަކާ އެކީ ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގައި އިންވެސްޓްމަންޓް ފޯރަމެއް ވެސް ބާއްވާފައިވެ އެވެ.

3. އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް ބޫޓާނަށް

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމްގެ ދަތުރުފުޅަކީ މިއީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ބާއްވާ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ 16 ވަނަ ގަވަނިން ކައުންސިލް މީޓިންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރެކެވެ.

އެ ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭ ގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވޭ މުހިއްމު ބައްދަލުވުމެކެވެ.

4. އިސްލާމިކް މިނިސްޓަރު ޝަހީމު ޗައިނާ އަށް 

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު ޗައިނާއަށް ފުރާވަޑައިގެންފައިވަނީ މިއަދު އެވެ.

މި ދަތުރަކީ ޗައިނާގައި މިއަދުން ފެށިގެން މި މަހު 28 އަށް ކުރިއަށްދާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރެކެވެ. މި އެކްސްޕޯ ކުރިއަށްދާނީ އެ ގައުމުގެ ސިންޖިއަން ރީޖަންގެ އުރުމްގީގަ އެވެ.

"މި ދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރައްވާނެ، މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްވެސް ބައިވެރިވެލައްވާ،" މިނިސްޓްރީން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު