ޚަބަރު
އެމްޑީޕީ އެއީ އެކްސްޕެއާޑް ޕްރޮޑަކެއް، ރާއްޖެ ހަލާކުކުރީ އެމީހުން: ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: 13
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް މިސަރުކާރުން ބަލަން ޖެހޭ ކަމަށާއި އެކަން ނުބަލާ ދޫކޮށްލައިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ލީޑަރު، ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ފްރަންޓް -- ޕީއެންއެފްގެ އޮފީހުގައި ރޭ އޮތް ޖަލްސާ ގައި ކުރިއަށް އޮތް ބައި މާލެ ސިޓީގެ އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޔާމީން ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނާއި ޕީއެންއެފަކީ އެމްޑީޕީ ފިކުރު ބައެއް ނޫން ކަމަށެވެ.

އަދި ވަރަށް ސާފުކޮށް ވިދާޅުވީ އިންތިހާބެއް ގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ ކަމަށެވެ.  

ދެން ވިދާޅުވީ އެމަނިކުފާނަށް އެމްޑީޕީން ދިން އަނިޔާގެ ވާހަކަ އެވެ. ވިދާޅުވީ އެމަނިކުފާނު ފަސް އަހަރު ޖަލުގައި ބެހެއްޓީ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އަދި އެމަނިކުފާނުގެ ކިބައިން އިންތިހާބީ ހައްގު ނިގުޅައިތީ ވެސް އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ. އެފަދަ ބަޔަކަށް އެމަނިކުފާނު ތާއީދު ކުރަން ޖެހޭ ސަބަބެއް އެބައޮތްތޯ ވެސް ސުވާލު ކުރެއްވި އެވެ.

"އެމްޑީޕީއެއް އެބައޮތްތޯ ރާއްޖޭގައި މިއަދު. ނެތޭ އެ މީހުންނެއް. އެއީ އެކްސްޕެއާޑް ޕްރޮޑަކެއް. އެމްޑީޕީ ދެއްތޯ މިތަނުގެ މުޅި އަހްލާގު ނަގާލި ބަޔަކީ،" އެމްޑީޕީއަށް ފާޑު ވިދާޅުވަމުން ޔާމީން މިރޭ ވިދާޅުވި އެވެ. 

ޔާމީން ވިދާޅުވީ، އޭރު އެމަނިކުފާނު ވެސް ހިމެނޭ ގޮތަށް އިދިކޮޅުގައި އެ ޕާޓީން ތިބިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ވާހަކަތައް ދައްކަން އުނދަގުލެއް ނުވާ ކަމަށެވެ. ނަމަވެސް މިއަދު ވެގެން އުޅޭ ގޮތް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

އެފަދަ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށާއި ސަރުކާރު ހިންގަން މަދުވެގެން އުޅޭ ފައިސާ ހޯދުމަށްޓަކައި ވެސް އެކަންކަން ބަލަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކަކީ ރާއްޖޭގެ ރައީސަކު ޒިންމާދާރު ކަމާއި އެކީ ގައުމު ހިންގާ ކަމަށް ވަންޏާ ބަލަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު