ޚަބަރު
މޯދީ ރަސްމިއްޔާތުގެ ދަތުރަށް ބޮލަކަށް 72،000ރ، ޖުމްލަ ހަރަދަށް 1.4 މިލިއަން ރުފިޔާ
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާ ކުރެއްވުމަށް މި މަހު ނުވައެއްގައި ބޭއްވި ރަސްމިއްޔާތަށް ވަޑައިގަންނަވަން ރައީސް ކުރެއްވި ދަތުރުގެ ތަފުސީލު ރައީސް އޮފީހުން އާންމުކުރީ މިއަދެވެ. އެކަމަކު މީގެ ކުރިން އެކި ހަރަދުތަކަށް ވަކިން ހަރަދުވި މިންވަރު އާންމުކުރި ނަމަވެސް މިފަހަރު އާންމުކުރީ ޖުމްލަ އަދަދު އެކަންޏެވެ.

އެގޮތުން ރައީސްއާ އެކު ރަސްމީ ވަފުދާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި 20 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި ކަމަށާއި ދަތުރުގެ ޖުމްލަ ހަރަދަށް 1،440،170.33ރ. ދައުލަތުން ހަރަދުވި ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. އެއީ ބޮލަކަށް 72،000ރ. އެވެ. 

އެ ވަފުދު އިންޑިއާއަށް ވަޑައިގަތީ ދުބާއީ އަދި ސްރީލަންކާ މަގުންނެވެ. ނަމަވެސް މި ދަތުރުގައި އެމަނިކުފާނު އަދި ސަރުކާރުގެ ވަފުދުން ދަތުރުކުރި އެއާލައިނެއް އަދި ކުލާހެއް ހާމައެއް ނުކުރެ އެވެ. 

ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީގެ އިތުރުން އެ ގައުމުގެ ރައީސް ދުރޫޕަދީ މަރުމޫއާ ވެސް ބައްދަލުކުރެއްވިއެވެ. އަދި، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ވެސް ބައްދަލުކުރެއްވިއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު