ޚަބަރު
މީހަކު ހައްޔަރުކުރަން އަނިޔާވެރިކޮށް އަމަލުކުރި މައްސަލަ ބަލަނީ
ފުވައްމުލަކުގައި މީހަކު ހައްޔަރު ކުރަން ފުލުހުން އަމަލު ކުރި ގޮތް ތަހުގީގު ކުރަން ވަނީ ނިންމާފައި --
ފުލުހަކު މީހަކަަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

މިއީ ފުވައްމުލަކު ސިޓީގައި ހިނގި ކަމެއް ކަމަށް ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ފުލުހަކު މީހަކު ހައްޔަރުކުރަން އޭނާ ބިންމައްޗަށް ވައްޓާލައި ފައިން ގައިމައްޗަށް އަރަ އެވެ. އެއް ފުލުހަކު ބިންމަތީގައި އޮތް މީހާގެ ކަރަށް ފައިން އަރައިގެން ހުރިއިރު، އަނެއް ފުލުސް މީހާ އޭނާގެ އަތް ލަންބުވާލާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.

މި ވީޑިއޯ އާންމުވުމާ އެކު ފުލުހުން އަމަލުކުރި ގޮތާ މެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ފުލުހުންގެ ފަރާތުން މީހުންނަށް ކުރާ މިފަދަ އަނިޔާތައް ކަމާ ބެހޭ މުއައްސަސާތަކުން ތަހުގީގުކުރަން ވެސް ދަނީ ގޮވާލަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިފަދަ އެއްވެސް އަމަލަކީ ފުލުހުންގެ ހިދުމަތުގެ ހަމަތަކުގެ ތެރެއިން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.

"މި ހާދިސާ ތަހުގީގު ކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުން ވާނީ މިހާރު އެދިފައި،"

ޝިފާން ވިދާޅުވީ އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރު ނުދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު