ޚަބަރު
ޔާމީނުގެ ސުވާލު: ޝަމްނާޒް އަތުގައި ކޮރަޕްޝަނުގެ ޕެންޑްރައިވެއް އޮތީތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އެމަނިކުފާނުގެ އާއިލާއަށް ސިހުރު ހެދުމުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒު އަލީ ސަލީމް ބަންދު ކޮށްގެން އުޅެނީ ހަގީގަތުގައި ވެސް ސިހުރު ހަދައިގެންތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފި އެވެ.

ޔާމީނު އެ ސުވާލު ކުރެއްވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ޕޮލިސް ކަމިޝަނަރު ހުސައިން ވަހީދު ވާހަކަ ދައްކަވަނިކޮށް، އޭނާއާ އެވެ. އެ ސުވާލަށް ވަޑައިގެންނެވުމުގެ ގޮތުން އެމަނިކުފާނު ފުރަތަމަ ފާހަގަކުރެއްވީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ޝަމްނާޒަކީ ވަރަށް އަރިސްކޮށް އުޅުއްވި ކައުންސިލަރެއް ކަމެވެ.

ސިޓީ ކައުންސިލުގައި ހުރި ކޮރަޕްޝަންތަކަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަންތައްތަކުގެ ވާހަކަ ވަރަށް ގިނައިން އިވޭ މައްސަލަތަކެކެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅީ ކާކުކަމެއް މިހާތަނަކަށް އެނގިފައެއް ނުވެ އެވެ. މުލިއާގެއިން މި މައްސަލަ ހުށަހެޅި ކަމުގެ އަޑުތައް ފެތުރުމުން ރައީސް އޮފީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޔާމީން ވިދާޅުވީ ޗައިނާ އަދި އިންޑިއާގެ މީޑިއާތަކަށް ވެސް މި ހަބަރު އަރާފައިވާއިރު، މިކަމުގެ ހަގީގަތް ސަރުކާރުން ކިޔައިދޭން ޖެހޭ ކަމަށެވެ.

ދިވެހި ފުލުހުންނަކީ އަމިއްލައަށް އިސްނަގައިގެން މައްސަލަ ބެލުމުގެ ގާބިލުކަން ހުރި ބައެއް ނޫން ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތަށް، އިދާރާއެއްގައި ހުރި ސިއްރު މައުލޫމާތު ޕެންޑްރައިވަށް އަޅާ ފޮރުވައިގެން އުޅޭ މީހުން ވެސް އުޅޭ ކަމަށެވެ. 

މި މައްސަލައިގައި ހައްޔަރުކުރި ޝަމްނާޒްއާއި އޭނާގެ ކޮއްކޮއަށް މިއަދު އިތުރު ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހާފަ އެވެ. އަދި މައްސަލައިގައި ހިމެނޭ ނަސީރު ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.

ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ހައްޔަރު ކުރީ ޖޫން 23 ވަނަ ދުވަހު އެވެ. އެ ދެ މީހުން ހައްޔަރު ކުރުމުގެ ކުރިން ދިރިއުޅެމުންދިޔަ އެޕާޓްމެންޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސް ކުރި އެވެ. އެ ގެއިން ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔަ އެވެ. ޝަމްނާޒުގެ ފޯނު ވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ޝަމްނާޒް ހައްޔަރު ކުރި ފަހުން, އޭނާ އާއި އޭނާގެ ކުރީގެ ފިރިމީހާ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު