ޚަބަރު
ގައުމުގެ ކަންކަން އިސްލާހުކުރަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ: ރައީސް
ގައުމުގެ ކަންކަން އިސްލާހުކުރަން އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މަދީނާގައި ރަސޫލާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމު ކަން ކަމަށެވެ.

އާއިލާތައް ބަދަހިވާން ޖެހޭ ކަމާއި މުރާލިކަމާއި ހީވާގިކަމާ އެކު މަސައްކަތްކުރަން ޖެހޭ ކަމާއި އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭ ކަމާއި ކޮންމެ ފަރުދަކު ވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭ ކަން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ތާރީހަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ މުސްލިމުންގެ މެދުގައި ގުޅުން ބަދަހިކޮށް އަޚުވަންތަކަން ވަރުގަދަކުރެއްވުމަށް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އިސްކަން ދެއްވިކަން، އެކަލޭގެ ފާނު މަދީނާގައި ހޭދަކުރެއްވި ދުވަސްތަކުން ފެންނަން އެބަ އޮތް ކަމަށެވެ. އެކަލޭގެ ފާނުގެ ދިރިއުޅުއްވުމުން ފެންނަން އޮތީ ނަމޫނާ ލިބިގަންނަން ޖެހޭ މިސާލުތައް ކަމަށް ވެސް ވިދާޅުވި އެވެ.

"...މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަމެވެ. އާއިލާތައް ބަދަހިވާން ޖެހޭކަމެވެ. މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަމެވެ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.

ގައުމު އިސްލާހުކުރުމުގައި އެންމެން އެއްބައިވަންތަވާން އިލްތިމާސްކުރެއްވި ނަމަވެސް ކުރީގެ ސަރުކާރުތަކާ މެދު ރުހިވަޑައިނުގެންނެވުމުގެ ބައެއް ވާހަކަތައް ހިތާބުގައި ހިމެނުއްވި އެވެ. އެގޮތުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އެތައް ބަޔަކު ރާއްޖޭގައި އުޅެނީ އެކަމާ އަޅައިނުލައި ދޫކޮށްލާފައި އޮތުމުން ކަމަށް ވިދާޅުވި އެވެ

ރައީސްގެ ހިތާބު ނިންމަވާލެއްވީ މިފެށިގެން ދިޔަ އާ އަހަރަކީ މާތްﷲގެ މަދަދާއެކު ރާއްޖެއަށް ފާގަތި އަހަރެއްކަމުގައި ލެއްވުން އެދި ދުއާކުރައްވަމުންނެވެ. އަދި އެމަގުން އެމަނިކުފާނުގެ ސަރުކާރުން ރެއާއި ދުވާލު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު