ޚަބަރު
އީސީ ހަބީބް އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކުރަނީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހުސްވެފައިވާ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބުރައީސް އިސްމާއީލް ހަބީބު އަބްދުއްރަހީމް އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. 

އެޗްއާރުސީއެމްގެ މެންބަރުކަން ހުސްވީ ކޮމިޝަނުގެ މެންބަރުކަމުގައި ކުރިން ހުންނެވި ޑރ.އަހްމަދު އަދުހަމް އަބްދުﷲ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 

ރައީސްގެ ސިޓީގައިވާ ގޮތުން، ކޮމިޝަންގެ ގާނޫނުގެ ފަސް ވަނަ މާއްދާގައިވާ ގޮތުގެ މަތިން މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން، އެ ކަމަށް ކުރިމަތިލި ފަރާތަތަކުގެ ތެރެއިން ހަބީބަކީ މި މަގާމަށް އައްޔަން ކުރަން އެމަނިކުފާނަށް ފެންނަ ބޭފުޅާ ކަމަށެވެ. އަދި މިކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެހެން ބޭފުޅުންގެ ނަންތައް ވެސް އެ ސިޓީއާ އެކު ރައީސް ވަނީ ފޮނުއްވާފަ އެވެ.

އީސީގައި 21 އަހަރު މަސައްކަތް ކުރެއްވި ހަބީބުވަނީ އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިތުރަށް ކޮމިޝަނުގެ ނައިބުރައީސްގެ މަގާމު އަދާކުރައްވާފަ އެވެ. ހަބީބު އިލެކްޝަންސްގެ މެންބަރުކަމުން ވަކިވެވަޑައިގަތީ 13 މާޗުގަ އެވެ. 

މި މައްސަލަ ދިރާސާ ކުރަން، މަޖިލީހުގެ ހިއުމަން ރައިޓްސް ޖެންޑާ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި، ކޮމިޝަންގެ މެންބަރުން ކަަމަށްވާ މުއުމިނާ ވަހީދު އާއި، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު