ޚަބަރު
އެޗްއާރްސީއެމްއަށް ހަބީބް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ހަބީބް: އެޗްއާރުސީއެމަށް ހަބީބް އައްޔަން ކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ ---- ފޮޓޯ/ މަޖިލިސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެޗްއާރްސީއެމްއަށް ހަބީބް އައްޔަން ކުރަން ރުހުންދޭން މަޖިލީހުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެންބަރުންގެ ތެރެއިން 73 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓުދެއްވީ ތިން މެންބަރެކެވެ.

ހަބީބަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އިއްޔެ ފާސްކުރީ އޭނާއާ އިންޓަވިއު ކުރުމަށް ފަހުގަ އެވެ. އެ އިންޓަވިއުގައި އޭނާއަށް 75 ޕަސެންޓުން މަތިން މާކްސް ލިބިވަޑައިގަތެވެ.

އީސީން އޭނާ ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ. ފަސް އަހަރުގެ ދެ ދައުރު އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ. މެމްބަރުކަމާއި އެ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި ހަބީބް 21 އަހަރު ހިދުމަތް ކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ މާޗު 13، 2013 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ފުރަތަމަ ދައުރު ހަމަވެ ދެ ވަނަ ދައުރަށް އައްޔަން ކުރީ 2019 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު