ޚަބަރު
ގެތަކުގެ އެންގުމަށް ފެން ކަނޑާ މައްސަލަތަކެއް ބަލަނީ
ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް މެދުކަނޑާލުމުގެ މައްސަލަތައް މި ފަހަކަށް އައިސް ހުށަހެޅެމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގަ ބުނީ ފެނުގެ ގަވައިދުން ބިލް ދައްކަމުން ދަނިކޮށް ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅު އެޅުވުމުގެ މައްސަލަ އާއި ކުންފުންޏަށް އެންގުމަކާ ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅުއަޅުވައި ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތަކެއް ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ.

އެހެންވެ އެ މައްސަލަތަކެއް ތަހުގީގުކުރަމުން އަންނަ ކަމަށާއިި މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކާއި ގުޅުން ހުރި އިދާރާތަކާ އެކު މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައި ދެވިފައިވާ ކަމަށް ވެސް އެޗްއާރްސީއެމުން ބުންޏެވެ.

ފެނުގެ ޚިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން އެ ގެއެއްގައި ނުވަތަ ގޭބިސީއެއްގައި ދިރިއުޅޭ އެންމެންނަށް ނޭދެވޭ އަސަރު ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ވެސް ކޮމިޝަނުން ބުންޏެވެ.

އެހެންވެ، އާންމު ފަރުދުންގެ މެދުގައިއާއި އާންމު ފަރުދުންނާއި އިދާރާތަކާ ދެމެދުގައި ދިމާވާ މައްސަލަތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ގުޅުންހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހެޅުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެންނަށް ވެސް އިލްތިމާސްކުރާ ކަމަށް ކޮމިޝަނުން ބުންޏެވެ.

އެ މައްސަލަތައް ހުށަހަޅާފައި ވަނީ ކޮން ސަރަހައްދަކުން ކަމެއް އެޗްއާރުސީއެމުން ހާމަކޮށްފައިނުވެއެވެ.

މާލެ ސަރަހައްދުގައި ފެނުގެ ޚިދުމަތް ފޯރުކޮށްދެނީ އެމްޑަބްލިޔުއެސްސީން ކަމަށްވާއިރު ގިނަ ރަށްތަކަށް ޚިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު