ޚަބަރު
ފްލެޓް ލިސްޓު އާންމު ކުރުމަކީ ވަރަށް މުހިންމު ކަމެއް: އާޒިމް
ސިޓީ ކައުންސިލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ސަން
ފްލެޓް ލިސްޓު އާންމު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް މާލެ ސިޓީގެ މޭޔާރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަމުންދާ ފްލެޓްތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަޅަން ހަވާލުކުރި ފްލެޓް ތަކެކެވެ. ކުރީގެ ސަރުކާރުން ފްލެޓް ދޭނެ މީހުންގެ ލިސްޓެއް ކަނޑައެޅި ނަމަވެސް، މި ސަރުކާރުން ދަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައި، ފްލެޓް ލިސްޓް ރިވިއު ކުރަމުންނެވެ. 

އާޒިމް އެގޮތަށް ގޮވާލެއްވީ އަލަށް އުފައްދާފައިވާ ފްލެޓް ކޮމިޓީން މާލެ ސަރަހައްދުން ފްލެޓާއި، ގޯތި ދިނުމުގެ މައްސަލާގައި މާލޭ ސިޓީ ކައުންސިލުގެ ލަފައަކަށް އެދިފައިވާތީ އެކަމާ ގުޅިގެން ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ފްލެޓް ލިސްޓު އާންމު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި، އާޒިމް ވިދާޅުވީ ދީފައި އޮތް އެއްޗެއް އަތުލުމަކީ ގާނޫނީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އަންނަ ބުދަ ދުވަހު ކައުންސިލުން އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ ކަމަށާއި ކައުންސިލުން ނިންމާ އެއްވެސް ނިންމުމެއްގައި އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލޭ ގޮތަކަށް ކަންތައް ނުކުރުއްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެއްޗެއް އަތުލަންޏާ ވަރަށް ސާފުކޮށް އެނގެން ޖެހޭނެ ކީއްވެކަން އަތުލީ. އަދި ފްލެޓް ލިސްޓު އާންމުކުރަން ޖެހޭ. ދީފައި އޮތް އެއްޗެއް އަތުލުމަކީ ގާނޫނީ ގޮތުން ވެސް ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" އާޒިމް ވިދާޅުވި އެވެ.

އޭގެއިތުރުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ތަންފީޒުކޮށް، ހާލުގައި ދިރިއުޅެމުން އަންނަ މާލޭގެ ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޯހިޔާވެހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށެވެ.

މޭޔަރުގެ އިތުރުން މި މައްސަލަ ލަސްވާތީ އެކަމުގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ފަހި ޔޫނިއަނުން ބުނީ، ފްލެޓް މައްސަލަތަކީ ރައްޔިތުންނާއި ވަރަށް ގުޅިފައި އޮތް ކަމެއް ކަމަށްވާއިރު، މި މައްސަލަ ހައްލު ނުވެ ގިނަ ދުވަސްވާތީ އެ ޔޫނިއަނުން ވެސް އެކަމާ ކަންބޮޑުވާ ކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު