ބޭރުގައި ކިޔާ ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލް އިން ކާޑު ލިމިޓް ދެނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޭރުގައި ކިޔަވާ ހުރިހާ ދަރިވަރުންގެ ވެސް ވިސާ ފައިސާ ދެއްކުމަށް ލިމިޓް ދޭން ނިންމައިފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވީ ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް، ވިސާ އަށް ފައިސާ ދެއްކުމަށް ލިމިޓެއް ދޭން ނިންމާފައިވާ ކަމަށެވެ. އެ ލިމިޓް ލިބޭނީ ދަރިވަރުން އެކަމަށް އެދި ބޭންކަށް ހުށަހެޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް 'ކޭސްބައި ކޭސް' އަށް ބެލުމަށް ފަހު ކާޑަށް ލިމިޓް ދެމުންދާ ކަމަށެވެ.ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާ އެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ބޭންކުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އޭގެ ތެރޭގައި، ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހަކަށް 1،200 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅައިގަ އެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެން ހަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ބޭންކުން ފަހިކޮށްދެ އެވެ.
ހަޔާ އެޑިއުކޭޝަން ގާއިމުކުރެވިފައިވާ ސްޓައިޕެންޑާއި ދަރިވަރުންގެ އެހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމު ވެސް ބޭންކުން ހަމަޖައްސައިދީފައިވާ ކަމަށް ބުންޏެވެ. ބޭންކުން ބުނީ މިއީ ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ދަރިވަރުންނަށް ލިބޭނެ އިންތިޒާމެއް ކަމަށެވެ.
ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ބޭނުން ވަނީ ދީފަ އެވެ.