ޚަބަރު
ހާފިޒުންނަށް ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރަން ނިންމައިފި
ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް މިހާރަށްވުރެ ދެ ގުނަ ބޮޑުކުރައްވަން ނިންމަވައި އެ ކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށާއި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.

ޤުރްއާން ހިތުދަސް މީހުންނަކީ މީގެކުރިން އަތުގެ އިނގިލިން ގުނާލެވޭހައި މަދު ބައެއް ކަމަށާއި ނަމަވެސް މިހާރު އެ އަދަދު އެތައް ގުނައަކުން އިތުރުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ޚާއްސަ ހޭދައެއްކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވިގެންދާނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ހާފިޒު ކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ޚާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޒުންނަށް ލިބޭނެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މި ވަގުތު ހުރި އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ވެސް ކީރިތި ގުރުއާން ކަމަށެވެ. އެ ފޮތަށް އެނބުރިދާން ޖެހޭ ކަމަށާއި އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި، ހުރިހާ ވަގުތެއްގައި ވެސް ބަހާއި އަމަލުން ސީދާވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ކޮންމެ ދުވަހެއްގެ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ގުރުއާން ކަމުގައިވުމަކީ ދިވެހިންނަށާއި ދިވެހިރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގުރުއާނަކީ އުފެދެމުން، ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ އަމަލީ ހަޔާތުގެ އެންމެ މުހިންމު ބައިވެރިއާ ކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާލީ ގޮތުންނާއި ވަސީލަތުގެ ގޮތުން އަދި ކުރެވޭ ހޭދަ އާއި ދެވޭ އިނާމާއި އަގުވަޒަންކުރުމާއި ހިތްވަރުދިނުމުގެ ގޮތުން ވެސް މިކަމަށް ސަރުކާރުން އިސްކަންދޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު