ޚަބަރު
ދެ ގައުމަކުން ލޯން ދެއްކުން ފަސް އަހަރަށް ފަސްކޮށްދީފި
ރާއްޖެއިން ޗައިނާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ނަގާފައިވާ ލޯންތަކަށް ދައްކަންޖެހިފައިވާ ފައިސާ ދެއްކުން ފަސް އަހަރަށް ފަސްކޮށްދީފި އެވެ. 

މިކަން އިއުލާންކުރެއްވީ މިއަދު ފާހަގަކުރާ ރާއްޖޭގެ 59 މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ރައީސް ވިދާޅުވީ، ބޭރުގެ ދަރަނި ދެއްކުމަށްޓަކައި އެންމެ ބޮޑު އެއްޗެއް އެހީގެ ގޮތުގައި އަބަދުވެސް ދެއްވާ ދެ ގައުމަކީ ޗައިނާ އިންޑިއާ ކަމަށާއި، އެ ދެ ގައުމުގެ ސަރުކާރުން މި ގައުމުގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދާ ދިނުމަށް އެހީތެރިކަން ދެއްވަވާ ކަމަށެވެ.

"އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށްޓަަކައި، ދިވެހި ރައްޔިތުންގެ ހައްގުގައި މި ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެންގެ އިގްތިސޯދީ ސިޔާދަތު ޔަގީން ކުރުމަށްޓަކައި އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކައި މި ކުރެވޭ މަސައްކަތަށް އެއްބާރުލުން ދެއްވާކަމަށްޓަކައި ޗައިނާ ސަރުކާރަށާއި އިންޑިއާ ސަރުކާރަށް ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވަން،". ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ޔަގީންކުރުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ. އެކަމަކު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ މިނިވަންކަން ކަށަވަރުވާ ހިސާބުގައި ނޫން ކަމަށާއި ސަރުކާރުގެ ގިނަ ކުންފުނިތައް ވެސް ހުރީ ބަނގުރޫޓްވާ ހިސާބުގައި ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ ޖޫން މަހުގެ ނިޔަލަށް މިއަހަރު ދައުލަތަށް 18.6 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި މިމުއްދަތުގައި ދައުލަތުން ހަރަދުކޮށްފައިވަނީ 16.8 ބިލިއަން ރުފިޔާ ކަމަށެވެ.

"ލިބޭ އާމްދަނީގެ ބޮޑު އަދަދެއް ހަރަދުކޮށްފައި މިވަނީ ދައުލަތަށް ލިބޭ އެއްޗަކުން. ފައިސާ ޗާޕެއް ނުކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލޯނަށް ފައިސާ ދެއްކޭނެކަން ކަށަވަރުކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެސްޑީއެފްގައި 65 މިލިއަން ޑޮލަރު އެބަހުރި ކަމުގައިވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ ހަމައެއްގެ ތެރެއިން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިސަރުކާރުގައި ބަދަލުގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވަނީ 119.7 މިލިއަން ރުފިޔާ ކަމަށާއި އެއީވެސް ކުރީގެ ސަރުކާރުގެ ކަމަކުން ދޭންޖެހިފައިވާ ފައިސާއެއް ކަމަށްވެސް ވިދާޅުވި އެވެ. ބަދަލުގެ ގޮތުގައި ދެން ފައިސާ ދޫކުރާނީ ކޯޓު އަމުރެއް ނުވަތަ ހުކުމަކާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު