ޚަބަރު
ރައީސްގެ އެންގެވުން ފުރިހަމައަށް ފުލުހުން ތަންފީޒުކުރާނެ: އިހުސާން
ދިފާއީ ވަޒީރު އަލީ އިހުސާން
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގުންތައް ފުލުހުން ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށް ދިފާއީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ރައީސް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުންތައް ނިންމެވީ ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން ނިންމި ނިންމެވުންތައް ކަމާގުޅޭ މުއައްސަސާތަކަށް މިހާރު އަންގަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ މީހުންގެ ލައިސެންސުން ޕޮއިންޓު ކަނޑަން ފެށުމަށް ނިންމަވާފައި ވަނީ ގުރެޖުއޭޓިން ލައިސެންސް ސިސްޓަމެއް ގާއިމު ކޮށްގެންނެވެ.

މިދިޔަ ސަރުކާރުން ރޭސިންއަށާއި ޑުރިފްޓިންއަށް ހުޅުމާލެއިން ހަމަޖައްސައިދިން ބިން އަތުލުމުގެ އިތުރުން ރައީސް ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ވަކި ސީސީއަކަށް ވުރެ މަތީގެ އުޅަނދުފަހަރު އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުމާއި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ދުއްވި މީހާގެ ލައިސެންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ވަގުތުން ގެންދެވޭ ގޮތަށް އުސޫލު ބަދަލު ކުރުން ހިމެނެ އެވެ.

އަދި، ސައިލެންސަރުގެ އަޑުގަދަ ކުރަން ބޭނުން ކުރާ ސާމާނު ރާއްޖެ އެތެރެ ކުރުން މަނާ ކުރުމާއި ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑު ބުރޭކަރާއި ސްޕީޑް ދެނެގަތުމަށް ބޭނުން ކުރާ ކެމެރާ ހަރުކުރަން ވެސް ރައީސް އެމަނިކުފާނު ނިންމެވި އެވެ.

ނުރައްކާތެރިކޮށް އުޅަނދުފަހަރު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވީ މި ފަހުން ހިނގި ނުރައްކާތެރި ހާދިސާގައި 23 އަހަރުގެ ޒުވާނަކު ނިޔާވުމާ ގުޅިގެން މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ރޭ އެ ފިޔަވަޅުތައް އިއުލާނުކުރައްވައި ރައީސް އެކްސްގައި އާންމުކުރެއްވި ޕޯސްޓު ހިއްސާކުރައްވަމުން އިހުސާން ވިދާޅުވީ ރައީސް އަންގަވާފައި ހުރިހާ އެންގެވުމެއް ފުލުހުން ބަރާބަރަށް ތަންފީޒުކުރާނެ ކަމަށެވެ. 

ރައީސްގެ މި އެންގުންތައް ތަންފީޒުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.

ފާއިތުވި އަހަރުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެ، އެފަދަ ހާދިސާތަކުގައި ފުރާނަ ގެއްލޭ މީހުންނާއި ދާއިމީ ބޮޑެތި އަނިޔާތަކާއި ނުކުޅެދުންތެރިކަން ތަހައްމަލުކުރަންޖެހޭ މީހުން އިތުރުވި ނަމަވެސް އެ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި ދިގުލައިގެން ގޮސްފައިވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު