ޚަބަރު
ރައީސްގެ އިސްލާހީ ބަދަލުތަކާއެކު ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އާ ބާބެއް: ޕީއެންސީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާއެކު ރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނެފި އެވެ.
މިއަދު ފާހަގަކުރާ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒު ގެންނަވާ އާ ބާބު ފެށިގެންދާނީ، މި "ޒައާމަތުގައި" ދައުލަތް ހިންގުމަށް އެމަނިކުފާނު ގެންނަވަން ފަށްޓަވާފައިވާ އިސްލާހީ ބަދަލުތަކާއި، އެމަނިކުފާނު ގެންގުޅުއްވާ އިގުތިސޯދީ އިޖުތިމާއީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.

އެ ޕާޓީގެ ރައީސް އަދި ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެ ބަޔާނުގައި ޝުކުރު ދަންނަވާފައިވެ އެވެ.

"އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުކުރެވުނުތާ 16 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވެގެން ގޮސްފައިވާއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވީ ނަމަވެސް އެފަދަ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ވަނީ ނުކުރެވިފަ،" އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ދައުލަތުގެ މުއައްސަސާތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ވާދަވެރިކަން ކަސްތަޅުއަޅުވައި، ގައިދުކުރުމުގެ ސަގާފަތް އެ މަނިކުފާނުގެ ވެރިކަމުގައި ނިމުމަކަށް ގެންނަވައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާ އެކު ވާދަ ކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އެ ގޮތުން އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން އިސްނުކުރައްވައި، ވާދަވެރި މާހައުލެއް ދެމެހެއްޓުމާއި، ހަމަޖެހުމާއި، ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން އެ މަނިކުފާނު ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށް ޕީއެންސީން ބުނެ އެވެ.

އެ ޕާޓީން ބުނީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ސިފަތައް ވަރުގަދަ ކުރައްވައި ހަރުދަނާ ކުރެއްވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ.

ރާއްޖޭގެ ޑިމޮކްރަސީއާއި ދައުލަތުގެ ހިންގުން ހަރުދަނާކޮށް، އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދިވެހިވަންތަ އުސޫލުތަކުގެ މަތީގައި ދިވެހި ދައުލަތް ޒަމާނީ، ކުރިއަރާފައިވާ ދައުލަތެއްގެ ގޮތުގައި ބައްޓަން ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް ކޮންގްރެސް ޕާޓީން ވަނީ ޝުކުރު ދަންނަވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު