ޚަބަރު
އަތުހަރު ނިޔާވީ ދަންޖެހިގެން: އޮޓޮޕްސީ
އަތުހަރު: ފުލުހުން ބުނީ އޮޓޮޕްސީން ދެއްކީ އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް --
އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުންގެ ބަންދުގައި ހުއްޓާ އާދަމް އަތުހަރުގެ މަރުވީ ދަންޖެހިގެން ކަމަށް އޮޓޮޕްސީން ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް ދަންޖެހެން ކުރި މަސައްކަތަށް ފަހު ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ ދެވަނަ ދުވަހު އެވެ.

އަތުހަރު މަރުވި ގޮތް ބަލަން ފުލުހުން އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ވަނީ ހަދައިފަ އެވެ.

އަންހެން މީހާ ރަހީނު ކުރުމަށް އަތުހަރު މަސައްކަތް ކުރަމުން ދިޔަ ވަގުތު، ފުލުހުން އަތުހަރު ހައްޔަރު ކޮށްފައިވަނީ އޭނާގެ ފަހަތުން އަރާ ބޮލުގައި މުގުރުން ޖަހާ ބިންމައްޗަށް ވައްޓާލާފައިގެންނެވެ. ހައްޔަރު ކުރުމުގެ ތެރޭގައި އަތުހަރަށް އެކިވަރުގެ ޒަހަމްތައް ލިބުނެވެ.

އެ ޒަހަމްތަކަށް އެންމެ ފުރަތަމަ އަތުހަރަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވަނިކޮށް، ފިޓު ޖެހިގެން ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދެވުނެވެ. އޭގެ ފަހުން އޭނާ ދޫކޮށްލުމުން ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.

ދޫނިދޫ ގޮޅިގައި ހުއްޓާ އޭނާ ދަންޖެހިފައިވާ މަންޒަރު ފެނުމާއެކު އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންދެވުނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެގޭ ފަހުން ވެންޓިލޭޓަރުގައި އޮއްވާ އަތުހަރު ނިޔާވިކަން ހާމަކޮށްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހެވެ. އަދި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގަ އެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މައްސަލައިގައި މާގިނަ މައުލޫމާތު އަދި ހާމަކުރެވެން ނެތްކަމަށެވެ.

"އޮޓޮޕްސީ ނިމިފައި އޮޓޮޕްސީގެ ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބިފައި އެބަވޭ. އެ ރިޕޯޓުގައި ކޯޒް އޮފް ޑެތްގެ ގޮތުގައި ނުވަތަ މަރުވާން ދިމާވި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ކޮންސިސްޓެންޓް ވިތު ޑެތް ޑިއު ޓު ހޭންގިން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މައްސަލައަކީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.

"...އިތުރު ތަފުސީލުތައް އެ ފަރަތްތަކުން ކަންނޭންގެ ސާފު ކުރަން ވާނީ،"

އޭނާ ވިދާޅުވީ އޮޓޮޕްސީ ކުރިއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ. ނަމަވެސް، އެޗްއާރުސީއެމްގެ ބޭފުޅަކު ވެސް އޮޓޮޕްސީގެ ކަންކަމުގައި ބައިވެރިވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ނޫސްވެރިންނާ އެކު، އިސްކަންދަރު ކޮށީގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި އަތުހަރު ގޮޅީގައި ދަންޖެހޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އަތުހަރު ބަންދުކޮށްފައި ހުރި ގޮޅި ފެންނަ ހިސާބުގައި ފުލުހަކު ނެތެވެ. ނަމަވެސް، އެ ގޮޅި އެއްކޮށް ފެންނަ ގޮތަށް ކެމެރާ ހުރީ ހަރުކޮށްފަ އެވެ. އެ ކެމެރާގެ ފުޓޭޖުން ފެންނަ ގޮތުގައި އަތުހަރު އޮތް ގޮޅި އަށް ފުލުހުން ވަދެފައި ވަނީ އޭނާ ދަންޖެހުނުތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

އަތުހަރު ދަންޖެހުނު ގޮތާއި އެކަން ކުރި ގޮތް ސީސީޓީވީ ފުޓޭޖުން ވަރަށް ސާފުކޮށް ފެނެ އެވެ. އަތުހަރު އޮތް ގޮޅި އަށް ފުލުހުން ދިޔައިރު، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް އޭނާއަށް ގޮޅީގައި އަވަަސް ފަރުވާދޭން ފުލުހުން އޭރު މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު