ޚަބަރު
ހިޔާނާތުގެ ފައިސާގައި ބައްސާމް ގަތީ އެޕާޓްމަންޓް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލު ޖަލީލު އެ އެސޯސިއޭޝަނަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވެ ދެ އެޕާޓުމެންޓެއް ގަތުމަށް އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ބުނެފި އެވެ.  

އެ މައްސަލައިގައި ބައްސާމާ އެކު އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި ކުރިން އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

މި މީހުންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ހިޔާނާތުގެ ކުށާއި، އޮޅުވާލުމުގެ ކުށް އަދި މަނީ ލޯންޑަރިންގެ ކުށެވެ.

ފުލުހުން ބުނީ ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ކަމަށާއި އެކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. މި ފައިސާ އަކީ އެފްއޭއެމުން ޑޮލަރު މާރުކުރުމުގެ ނަމުގައި އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ޑޮލަރަށް، އެ ކުންފުނިތަކުން އެފްއޭއެމް އަށް ދީފައިވާ ރުފިޔާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ދިން މައުލޫމާތަށް ބަލާއިރު އެޕާޓްމަންޓް ގަތުމަށް ބައްސާމު ފައިސާ ބޭނުންކުރީ އެ އިދާރާއަށް ފީފާ އިން ފޮނުވި ޑޮލަރު މާރުކޮށްގެން އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާ އެ އެކައުންޓަށް ނުލައި ބައްސާމު އެ ފައިސާ ބޭނުންކޮށްގެންނެވެ. އެޕާޓްމަންޓް ގަތުމަށް ބައްސާމް، އަމީން ކޮންސްޓްރަކްޝަނަށް ދިން ފައިސާއަކީ ޑޮލަރު ގަތުމަށް ދިން ފައިސާ ކަމަށް ހެދުމަށްޓަކައި އެ ކުންފުނިން އެފްއޭއެމްއަށް ރުފިޔާ އިން ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތު ކުރެ އެވެ. އެހެންވެ މި ހިޔާނާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާނެ ކަމަަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ވަނީ އެފްއޭއެމްއަށް ލިބެންޖެހޭ 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރި މައްސަލައިގައިވެސް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ.

މި މައްސަލާގައި އަމީން ކޮންސްޓްރަކްޝަނާއި ބައްސާމުގެ އިތުރަށް އަގީލުއާއި އިތުރު މީހެއްގެ މައްޗަށް ހިޔާނާތާއި ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައިވާކަމަށް އެ ހިދުމަތުން ބުނެފައިވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު