ޚަބަރު
ބާރަށް ވެހިކަލް ދުއްވާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ރައީސް އަންގަވައިފި
ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަން ތަންފީޒުކުރަން ކަމާބެހޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ރައީސް އެގޮތަށް އެންގެވީ ރޭގެ މެންދަމުގެ ވަގުތެއްގައި ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެފައިވަނިކޮށެވެ.

ރޭ މެންދަމު ތިނެއް ޖަހަން އުޅެނިކޮށް ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރައްދުން އުރީދޫގެ ހެޑް އޮފީހާ ދިމާލުން ހިނގި އެކްސިޑެންޓުގައި ނިޔާބީ ލ. އިސްދު އަށް އުފަން ހަސަން ސަމާހު އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ އުމުރުން 23 އަހަރުގެ އެ ޒުވާނާ އެ ގަޑީގައި މަގުމަތީގައި އުޅުނީ ޓީއެފްޖީން ރޭ ދަންވަރު ބޭއްވި މެރަތަން ނުވަތަ ދުވުމުގައި ބައިވެރިވުމަށެވެ. އެކަމަކު، އެ ދުވުމުގެ ކުރިން ހިނގި އެކްސިޑެންޓުގައި ސަމާހު ނިޔާވީ މައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓުގައި ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ އަނެއްކާ ވެސް މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ. ރޭގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވަވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ރައީސް ވަނީ ދުއާކުރައްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު