
އެމްޑީއޭގެ ލީޑަރު ސިޔާމުގެ ކުންފުނިން ލޯނެއް ނަގަން ސަރުކާރުގެ ސޮވަރިން ގެރެންޓީއަށް އެދުނީ މާލެ އަތޮޅުގެ އެމެރާލްޑް ލެގޫން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށެވެ. އެ ރިސޯޓުގައި 1،500 އެނދު ތަރައްގީ ކުރަން ޕްލޭން ކޮށްފައިވާއިރު އެކަމަށް 165 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެ އެވެ. ވަޒީރުންގެ މަޖިލީހުން މިދިޔަ ހަފްތާގައި ނިންމާފައި ވަނީ އެއްވެސް އަމިއްލަ ފަރާތަކަށް މިވަގުތު ސޮވަރިން ގެރެންޓީ ނުދިނުމަށެވެ. އެހެންވެ، މިދިޔަ އޭޕްރީލް މަހު ސިޔާމް ސޮވެރިން ގެރެންޓީއަށް އެދި ސިޓީއަކުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ވަޒީރުންގެ މަޖިލީހުން ނިންމީ މިވަގުތު އެ ގެރެންޓީ ދޫނުކުރުމަށެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިޔާމް މަސައްކަތް ކުރެއްވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށެވެ. ނަމަވެސް އިންތިހާބުގެ ދެ ވަނަ ބުރުގައި ކޮޅު ބަދަލުކޮށް، ސިޔާމް ތާއިދު ކުރެއްވީ ރައީސް މުއިއްޒަށެވެ.