ވިޔަފާރި
ފިޗުން، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗު ރޭޓިންސް އިން ރާއްޖޭގެ ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް މިއަދު މަތިކޮށްފި އެވެ.

މިދިޔަ އަހަރު ޖޫން މަހު، ރާއްޖޭގެ ދަރަނީގެ ހާލަތަށް ބަލައި، ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީ"ގައި ދަމަހައްޓައިފަ އެވެ.

ނަމަވެސް، ފިޗުން މިއަދު ނެރުނު ރިޕޯޓުގައި ވަނީ،  ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއާ ޑިފޯލްޓް ރޭޓިން 'ސީސީ' އިން 'ސީސީސީ-'އަށް މަތިކޮށްފަ އެވެ.

ފިޗުން މި ނިންމުން ނިންމާފައިވަނީ މިދިޔަ އޭޕްރިލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާއެކު ދެއްކުމާ ގުޅިގެން، ދަރަނި ނުދެއްކިދާނެކަމުގެ ނުރައްކާ ކުޑަވެފައިވާ ކަމަށް ބުނެ އެވެ.

މި ރޭޓިންއަކީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި ވެސް، ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެކެވެ.

ފިޗުގެ އިތުރުން ރާއްޖެއަށް ކްރެޑިޓް ރޭޓިން ދެނީ މޫޑީސް އިންނެވެ. އެ އެޖެންސީން މިދިޔަ ނޮވެމްބަރު މަހު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި ކުރިން އޮތް 'ނެގެޓިވް' އައުޓްލުކް 'ސްޓޭބަލް'އަށް ބަދަލުކޮށްފަ އެވެ.

މި އަހަރު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި އަދި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ދައްކާފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު