ޚަބަރު
ރާއްޖެ-އިންޑިއާގެ ގުޅުމަށް މަލާމާތް ކުރާތީ ނަޝީދު ރައްދު ދެއްވައިފި
ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، އެ ގުޅުން ވަރުގަދަވަމުން އަންނަ ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީން އެކަމާ ދެކޮޅަށް ފާޑު ކިޔައި މަލާމާތް ކުރަމުން ގެންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގަދަ ބަހުގެ ހަމަލާތަކެއް މިރޭ ދެއްވައިފި އެވެ.

ރައީސް ނަޝީދު އިންޑިއާ-ރާއްޖެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވާފައި މިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ކުރީކޮޅު އިންޑިއާ އާއި އެކު އޮތް ގުޅުން ގޯސްވެފައި އެ ގުޅުން މިހާރު ބަދަހިކުރަމުންދާތީ އެކަން ފާހަގަކުރައްވާ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް މަލާމާތް ކުރައްވާ ދެއްކެވި ވާހަކައެއް ހިމެނޭ ވީޑިއޯއެއް އެކްސްގައި ހިއްސާކުރައްވަމުން ކުރެއްވި ޕޯސްޓެއް ގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ބަދަހި ގުޅުމަކަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ކިޔުމުގެ ބަދަލުގައި ކުރިން ކަންވެފައި އޮތް ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމަތްކުރުމުން ދޭހަވަނީ އިންޑިއާ އާއި ރާއްޖޭގެ ބަދަހި ގުޅުމަކަށް އެ ބޭފުޅުން ނޭދޭ މިންވަރު ކަމަށެވެ.

"ބަދަހި އިންޑިއާ-ރާއްޖޭގެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަަތަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔައި، ކުރިން ކަން ވެފައި އޮތް ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމާތް ކުރާ ނަމަ އެ ކަމުން ދޭހަވަނީ އިންޑިއާ-ރާއްޖެ ގުޅުމަށް ނޭދޭކަން. ބޭނުންވަނީ ސިޔާސީ ޕޮއިންޓު ހޯދުން. އުސޫލުގައި ނުހިފެހެއްޓޭކަން،" އިންޑިއާއާ އެކު އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވި އެވެ.

މިއަދު ޖައިޝަންކަރު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޖައިޝަންކަރުގެ ދަތުރުފުޅާއެކު އިންޑިއާއާއެކު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް މައްޗަށް ގޮސް ދެ ގައުމުގެ ގުޅުން އިތުރުވާނެ ކަމަށެވެ.

އަދި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ހަރުދަނާކުރުމަށްޓަކައި މި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.

ރައީސް ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ބޭނުމެއް ޖެހޭ ހިނދެއްގައި އެހީތެރިވުމަށް އެންމެ ކުރީ ސަފުގައި އޮންނަ ގައުމެއް ކަމަށެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވެއެވެ.

ހަމައެއާއެކު މި ސަރުކާރުގެ ފުރަތަމަކޮޅު ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.

އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ. ނަމަވެސް ސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ގުޅުންތައް އަންނަނީ ރަނގަޅުވަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު