ޚަބަރު
ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އެ މައްސަލަ ދިރާސާކުރަނީ ޖުޑިޝަރީ ކޮމިޓީންނެވެ. އެ ކޮމިޓީއަށް މިއަދު ޝަމީމް ހާޒިރުކުރިއެވެ. އެކަމަކު، ކޮމިޓީގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ހުށަހެޅުއްވުމަށް އެ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ ޕީޖީކަމުގެ މަގާމުން ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކުރިކަން 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ. އެގޮތުން، ކޮމިޓީގައި ޖުމުލަ 11 މެންބަރުން ތިއްބަވާއިރު ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން އެކަންޏެވެ. ބަކީ އަށް މެންބަރުން ވޯޓުދެއްވީ ޝަމީމް ވަކިކުރާށެވެ.

ޝަމީމް މަގާމުން ވަކިކުރަން ޝާހިދު ހުށަހެޅުއްވީ މައިގަނޑު ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. އެއީ:

  • ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
  • ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
  • ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  • މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
  • ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުން
  • އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުން
  • ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން
    ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން
ޝަމީމް މަގާމުން ވަކިވާނީ މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ނިންމުން ހުށަހަޅާ މުޅި މަޖިލީހުގެ ވޯޓުން އެގޮތަށް ފާސްވުމުންނެވެ. ދެން އޮންނަ މަޖިލީހުގެ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާކުރާނެ ކަމަށް ބެލެވެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު