ޚަބަރު
ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަންނަވަނީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އެކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެވެ.

ހީނާ ވިދާޅުވީ ރައީސް އެ ދަތުުރުފުޅު ކުރައްވާނެ ސީދާ ތާރީހެއް އަދި ކަނޑަނާޅާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ދެ ގައުމުގެ ދެމެދުގައި ކުރަމުން އަންނަ ކަމަށެވެ.

އެ ދަތުރުފުޅާ ބެހޭ އެއްވެސް ތަފްސީލެއް ހީނާ ހާމައެއް ނުކުރައްވަ އެވެ.

މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެގެން ގޮސްފަ އެވެ. އެއީ އިންޑިއާ އާއި މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.

ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން އެއް އަހަރަށް ދާދިފަހުން އިންޑިއާ އިން ވަނީ ފަސްކޮށްދީފަ އެވެ.

ރައީސް މުއިއްޒު މީގެކުރިން ވެސް އިންޑިއާއަށް ވަޑައިގެންނެވި އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށެވެ. އެކަމަކު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ނުކުރައްވަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
50%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު