ޚަބަރު
ކުންފުނިތަކުން މުވައްޒަފުން ވަކިކުރާކުރުން އެމްޑީޕީން ކުށްވެރި ކޮށްފި
ރައީސް ޑރ.މުހައްމަދު މުއިއްޒު ވަައުދުވެވަޑައިގެންފައިވާ ގޮތާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން އެމްޑީޕީން މިއަދު ކުށްވެރިކޮށްފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވެސް ނޭގުމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާހުރެ، ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުންކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް ޕާޓީގެ މެންބަރުން އަދިވެސް ދަނީ އައްޔަނުކުރަމުން ކަމަަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ރައީސް މުއިއްޒު ދިޔައީ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން އެ މީހުންގެ ވަޒީފާތަކުން ވަކިނުކުރައްވާނެކަމަށް ވައުދުވެވަޑައިގަންނަވަމުން ކަމަށާ އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެ ވައުދު އެގޮތަށް ވެވަޑައިގެންނެވި ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް އިންތިހާބުތައް ނިމުމާއެކު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮންމެ ދުވަހަކު އެތައް ސަތޭކަ މުވައްޒަފުންނެއް ދަނީ ވަކިކުރަމުން ކަމަށް ބުންޏެވެ. 

"މިކަން މި ހިނގަނީ، ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުން ވަކިކުރަން ފަށާނެކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ޕާޓީއެއްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި އިންޒާރު ދީފައިވަނިކޮށް،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މީގެ ކުރިން ރައީސް މުއިއްޒުގެ ސަރުކާރުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަން ފެށިއިރު ވެސް އެމްޑީޕީން ކަށަވަރުކޮށްދިން ފަދައިން، މިހާރު ވެސް ނުހައްގުން ވަޒީފާތަކުން ވަކިކުރާ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް، ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިދިނުމުގެ މަސައްކަތް އެ ޕާޓީން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު