ޚަބަރު
ތަރައްގީއަށް މަގުތައް ކޮށޭނީ، މުޅި ދުނިޔޭގައިވެސް އިހުތިރާމު ލިބިފައިވާ ގައުމަކަށްވެގެން: ރައީސް
ޤައުމުގެ ތަރައްގީއަށް ބޭނުންވާ މަގުތައް ކޮށޭނީ، ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އިޙުތިރާމު ލިބިފައިވާ ޤައުމަކަށްވެގެންކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އދ. ގައި ކުރާ ބަހުސްތަކުގައި ބައިވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުތާ 59 އަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖުގަ އެވެ.

ރައީސްގެ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ރާއްޖެ ހެދުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

މިމެސެޖުގައި ރައީސް ވަނީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށްކަމުގައި ވިދާޅުވެފައެވެ. "އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަން ދޭނެކަމަކީ ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަޞައްވަރު ހާމަކުރުން. ދިވެހިންގެ އަޑު، ދިވެހިންގެ ވިންދުގެ އަޑު، ދިވެހިންގެ އިޙުސާސްތައް އިއްވުމަށް" ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ އދ. ގައި ރާއްޖެ އަދާކޮށްފައިވާ މުހިންމު ދައުރަށްވެސް އަލިއަޅުވާލައްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު މުހިންމު މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއެކު އަދާކުރަމުން ޤައުމު ކުރިއަށްގެންދަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި އަދި ހިންގެވުމުގައި އަބަދުވެސް އެންމެ އިސްކަން ދެއްވާނީ ދިވެހިރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްކަމުގައި، އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުންނެވެ. މި މެސެޖުގައިވެސް އެ ޔަޤީންކަން އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު